ވޯލްޑް ކަޕްގެ ކޮލިފައިންގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑާ އެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޕޯޗުގަލް ރަށުން ބޭރުގައި 2-0 އިން ރިޕަބްލިކް އޮފް އަޔަލެންޑް އަތުން ބަލިވެއްޖެއެވެ.
މި މެޗުގެ ފުރަތަމަ ހާފް އަޔަލެންޑުން ނިންމާލީ ވެސް ދެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓްގައި އަޔަލެންޑަށް ލީޑު ނަގައިދިނީ ޓްރޮއި ޕެރޮޓް ކަމަށްވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އަޔަލެންޑްގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އޭނާ އެވެ.

ޕޯޗުގަލް އަށް އިތުރު މައްސަލަތަކެއް ދިމާވީ މެޗުގެ 61 ވަނަ މިނެޓްގައި ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯއަށް ރަތްކާޑު ދެއްކުމުންނެވެ. ރޮނާލްޑޯ އަށް ރަތްކާޑު ދެއްކީ އަޔަލެންޑްގެ ކުޅުންތެރިއަކަށް ހަމަލާދިނުމާ ގުޅިގެންނެވެ. މިއީ ޕޯޗުގަލް އަށް ކުޅެނިކޮށް ރޮނާލްޑޯ އަށް ދެއްކި ފުރަތަމަ ރަތްކާޑެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް 226 މެޗު ކުޅެދީފަ އެވެ.

މި މެޗުން ބަލިވި ނަމަވެސް ފަސް މެޗުން 10 ޕޮއިންޓު ހޯދައިގެން ޕޯޗުގަލް އޮތީ ގްރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި ފަސް މެޗުން 8 ޕޮއިންޓު ހޯދައިގެން ހަންގޭރީ އޮތްއިރު ތިންވަނައިގައި ފަސް މެޗުން ލިބުނު 7 ޕޮއިންޓާއެކު އޮތީ އަޔަލެންޑް އެވެ. ގްރޫޕްގެ ފުލުގައި ތިން ޕޮއިންޓާއެކު އޮތީ އަރްމީނިއާ އެވެ.
މިއީ މިދިޔަ މާޗު މަހަށް ފަހު ޕޯޗުގަލް ބަލިވި ފުރަތަމަ މެޗެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ގްރޫޕްގެ ފަހު މެޗުގައި އަރްމީނިއާ އަތުން ޕޯޗުގަލް މޮޅުވަން މަޖުބޫރުވާނެއެވެ.



