ސްޕެނިޝް ލީގުގެ މި ފަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑް ކުޅުނު ފުރަތަމަ މެޗުން އެސްޕަނިޔޯލް އަތުން 2-1 އިން މޮޅުވެއްޖެއެވެ.
އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ލީޑު ނަގައިފަ އެވެ. މި ގޯލު ބެލިންހަމް ކާމިޔާބުކުރީ އާޑާ ގުލާ އެސްޕަނިޔޯލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓްގައި އެސްޕަނިޔޯލުން ނަތީޖާ އެއްވަރުކުރިއިރު، ރެއާލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކާލާއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް އަލުން ލީޑު ނަގައިދިން ކިލިއަން އެމްބާޕޭ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު، އެ ދެ ހަމަލާ ވެސް ދިފާއުކުރީ އެސްޕަނިޔޯލްގެ ކީޕަރު މާކޯ ޑިމިޓްރޮވިޗްއެވެ.
ދެވަނަ ހާފުގައި ވެސް ރެއާލުން ދިޔައީ އެސްޕަނިޔޯލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ބެލިންހަމް ބޮލުން ފޮނުވާލި ހަމަލާއެއް އެސްޕަނިޔޯލްގެ ކީޕަރު މަތަކުރިއިރު، އެސްޕަނިޔޯލްގެ އޭރިއާގެ ބޭރުން ރެއާލްގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މި މެޗުން ރެއާލް މޮޅުވި ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ، މިފަހަރުގެ ޓްރާންސްފާގައި އެޓީމާ ގުޅުނު ޒުވާން ފޯވާޑް ކާލޯސް އެސްޕީ އެވެ. މިއީ އެސްޕަނިޔޯލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ރެއާލުން ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާނީ ރެއާލް ސޮސިއެޑާޑްއާއެވެ.



