ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން: ނާޒިމް

ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމަޢު“ ކެންޕެއިން އިފްތިތާޙް ކުރުމަށް އިއްޔެ ކ. ގުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، މި ސަރުކާރުން ގެންދަވަނީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ކަމަށެވެ. މިގޮތުން ބަލިތަކުން ދިވެހި ރައްޔިތުން ރައްކާތެރި ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ހަރުދަނާ އަދި ނަމޫނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުން މިފަދަ ބަލިތަކުން ރައްކާތެރި ކުރުވުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާ ނަމޫނާ ދައްކަވަމުން ގެންދަވާކަން ވެސް ވިދާޅުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅު ވަނީ، މި ކެމްޕެއިން ބާރު ދުވެލީގައި ކުރިއަށް ގެންދިޔުމަށް. ރައީސްގެ އިރުޝާދާއެކު މި ކެމްޕެއިން ކުރިއަށް ގެންދާނަން. އެންމެންގެ ޝާމިލްވުން އޮތް ކެމްޕޭނެއްގެ ގޮތުގައި މި ކެމްޕޭން ކުރިއަށް ގެންދާނީ“ ނާޒިމް ވިދާޅުވިއެވެ.

”ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމަޢު ކެމްޕެއިން“ އަކީ، އާންމު ޞިއްޙަތު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ދިރިއުޅުގެ އާދަތަކާއި، ކެއުންބުއިން ބައްޓަންވެފައިވާ ގޮތާއި، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިވެ ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުމުގެ މަޤްޞަދުގައި ހިންގާ ކެމްޕޭނެކެވެ. ”ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު“ ޝިއާރުގެ ދަށުން މި ކެމްޕެއިންގައި ކުޑަކުދިންނާއި، ޒުވާނުންނާއި، އަންހެނުންނާ އަދި ދޮށި އުމުރުގެ މީހުންނަށް އަމާޒުކޮށް ދުޅަހެޔޮކަން ކުރިއަރުވާ އެކަމުގައި މަޝްއޫލުވެ، ދެމެހެއްޓެނިވި އާއްމު ޞިއްޙަތާ ގުޅޭ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. ދުޅަހެޔޮ ދިރިއުޅުން މި ކެމްޕެއިން ހިންގުމަށް ހަމަޖެހިފައިވަނީ، އެކި އިދާރާތަކާއި ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ރަށު ފެންވަރުގައި އާއްމު ޞިއްޙަތާ ގުޅޭ ޙަރަކާތްތަށް ކާމިޔާބުކަމާއެކު ރޭވުމާއި، ތަންފީޒު ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ ފަރާތްތަކެވެ.

މިކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާއްމު ޞިއްޙަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށާއި، މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް އެވޯޑްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ރަށު އެވޯޑާއި، ސްކޫލު އެވޯޑުގެ އިތުރުން ޖަމިއްޔާ އެވޯޑް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑްތަކަކީ، ކަނޑައަޅާ މިންގަނޑު ތަކެއްގެ މައްޗަށް ބިނާކޮށް އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރާ ފަރާތްތަކަށް ކޮންމެ އަހަރަކު ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކެެކެވެ.

ގުޅުންހުރި ލިޔުންތައް