ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިއްޙީ ސިޔާސަތު ބައްޓަން ކުރުމުގައި އެންމެ މުހިންމު އިސްކަމެއް ދީފައިވަނީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒީމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ، ސަރުކާރުން އިފްތިތާޙް ކުރި ”ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމަޢު“ ކެމްޕެއިން އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒީމް އިބްރާހިމް ވިދާޅުވީ، ރައީސް މުޢިއްޒުގެ ސިއްޙީ ސިޔާސަތުގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުން ކަމަށެވެ. އެގޮތުން، ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ރާއްޖެއިން މިހާރު ދުނިޔެއަށް ނަމޫނާ ދައްކަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ދިވެހި ރައްޔިތުންގެ ސިއްޙަތާއި ގުޅޭ ކަންކަމުގައި ޚާއްސަކޮށް ބަލިތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ސަރުކާރުން ވަރަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމެވެ. މިއީ ބަލިވުމަށްފަހު ފަރުވާ ދިނުމަށްވުރެ ބަލިތަކުން ރައްކާތެރިވުމަށް އިސްކަންދިނުމުގެ ސިޔާސަތެކެވެ.

ވަޒީރު ވިދާޅުވީ، ”ސަރުކާރުން ކަށަވަރު ކޮށްދޭން ބޭނުންވަނީ، ރައީސްގެ ނިންމުންތަކާއިއެކު ބަލިވީމަ ބޭސްކުރުމަށް އިސްކަންދޭ ފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް ބަލިވުމުން މުޖުތަމަޢު ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި މި ސަރުކާރުން އެދަނީ ނަމޫނާ ދައްކަވަމުންނޭ.“
އަދި ރައީސުލްޖުމްހޫރިއްޔާ އެންމެ އިސް ލީޑަރެއްގެ ހައިސިއްޔަތުންނާއި، ގައުމުގެ ވަލީއުލް އަމްރުގެ ހައިސިއްޔަތުން މިކަމުގައި ވަރަށް ސާބިތުކަމާއިއެކު ވިސްނުންތެރިކަމާއިއެކު ނަމޫނާ ދައްކަވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން، ޤާނޫނީގޮތުން ނަންގަވަންޖެހޭ ފިޔަވަޅުތައް ނަންގަވައި، މުޖުތަމަޢުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ނާޒީމް ވިދާޅުވިއެވެ.



