އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

އެމެރިކާއިން ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓްތައް ވަގުތުން ފެށުމަށް ޓްރަމްޕް އަމުރުކޮށްފި

އެމެރިކާއިން ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓްތައް ”ވަގުތުން“ އަލުން ފެށުމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑިފެންސް ޑިޕާޓްމަންޓަށް އަމުރުކޮށްފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓްރަމްޕްގެ މި އަމުރާއި ގުޅިގެން އެމެރިކާއިން 1992 ވަނަ އަހަރުން ފެށިގެން ހުއްޓާލާފައިވާ މިފަދަ ޓެސްޓްތައް އަލުން ފެށުމަށް މަގުފަހިވެގެންދާނެއެވެ.

”އެހެން ޤައުމުތަކުން ޓެސްޓިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާތީ، އަހަރެމެންގެ ނިއުކްލިއަރ ހަތިޔާރުތައް ހަމަހަމަ އުސޫލަކުން ޓެސްޓްކުރަން ފެށުމަށް މިނިސްޓްރީ އޮފް ޑިފެންސަށް އިރުޝާދު ދީފީން، މި މަސައްކަތް ވަގުތުން ފެށިގެންދާނެ“ ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފަވެއެވެ.

ޓްރަމްޕްގެ މި ނިންމެވުން އިއުލާން ކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއެކު ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ބައްދަލުވުމަކަށް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅެއްގެ ކުރިންނެވެ. އެމެރިކާއިން 1992 ވަނަ އަހަރުން ފެށިގެން ނިއުކްލިއަރ ހަތިޔާރުގެ ޓެސްޓްތައް ކުރުން ހުއްޓާލާފައިވީ ނަމަވެސް، ނެވާޑާ ނޭޝަނަލް ސެކިއުރިޓީ ސައިޓްގައި ޓެސްޓްތައް އަލުން ފެށުމުގެ ޤާބިލުކަން އެމެރިކާއަށް ލިބިގެންވެއެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އެމެރިކާގެ ނިއުކްލިއަރ ހަތިޔާރުގެ އަދަދު ގާތްގަނޑަކަށް 10 ގުނައަށް އިތުރުކުރުމަށް މަސައްކަތްކުރެއްވި ކަމަށް އެން.ބީ.ސީ ނިއުސްއިން އޭރު ރިޕޯޓްކޮށްފައިވެއެވެ. މި ނިންމުމަކީ ފަހަކަށް އައިސް އެމެރިކާގެ ސިފައިންގެ ޤާބިލުކަމާ ބެހޭގޮތުން ހަރުކަށި ރިޓޮރިކް ބޭނުންކުރައްވަމުން ގެންދަވާ ޓްރަމްޕް، މޮސްކޯއާއި ބެއިޖިންގއާ އެއްހަމައަކަށް އައުމަށްޓަކައި ނެންގެވި ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

ބުދަ ދުވަހު ރަޝިޔާއިން ވަނީ އާ ދުރު ދުވެލީގެ ނިއުކްލިއަރ ހަކަތައިން ހިންގާ ފެނުއަޑީގެ ހަތިޔާރެއްގެ ޓެސްޓެއް ކުރިއަށްގެންދިޔަކަން އިޢުލާންކޮށްފައެވެ. އަދި ނިއުކްލިއަރ ޤާބިލުކަން ލިބިފައިވާ މިސައިލެއްގެ ޓެސްޓެއްވެސް އެ ޤައުމުން ވަނީ މިފަހުން ކުރިއަށް ގެންގޮސްފައެވެ.

”ރަޝިޔާއަކީ ދެވަނައިގައި އޮތް ޤައުމު، އަދި ޗައިނާއަކީ ތިންވަނައިގައި ދުރުގައި އޮތް ޤައުމު، ނަމަވެސް 5 އަހަރުގެ ތެރޭގައި އެއްހަމައަކަށް އަންނާނެ،“ ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓްގައި ވިދާޅުވިއެވެ. ނަމަވެސް، ނިއުކްލިއަރ ޓެސްޓިންގ ޕްލޭންތަކަށް ބަދަލު ގެންނަވާނެތޯ ނޫސްވެރިން ކުރެއްވި ސުވާލަށް ޓްރަމްޕް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް