އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމައިފި އެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫން މިހާތަނަށް ލިބުނު ނަތީޖާތަކުން ދައްކައިފި އެވެ.
ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް މިއަދު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ފޭދޫއަށް ހާއްސަކޮށްގެން ބެހެއްޓި 8 ވޯޓު ފޮށީގެ ނަތީޖާ ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އެގޮތުން ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،782 މީހަކު ވޯޓު ދީފައިވާއިރު، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ. މި ވޯޓުގައި ފޭދޫގެ 55.43 މީހުން ވޯޓުލާފައިވާއިރު، ބާތިލު 24 ވޯޓު ހިމެނެއެވެ.
ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް މިއަދު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ހުޅުދޫ އަދި މީދޫއަށް ހާއްސަކޮށްގެން ބެހެއްޓި ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ ވެސް މިހާރު ވަނީ އިއުލާންކޮށްފައެވެ.
އެގޮތުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 720 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 841 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ. މި ވޯޓުގައި ހުޅުދޫގެ 37 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، މީދޫން ވޯޓުލާފައިވަނީ 43 ޕަސެންޓު މީހުންނެވެ.



