ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރަމަށް ހުރަސްއެޅުމުގެ ގޮތުން، ވަކިވަކި ފުލުހުންނާއި ފުލުހުންގެ އާއިލާއަށް ބިރުދައްކައި، ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި މަޢޫލޫމާތު ފަތުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ބަޔާނެއްގައިި ވަނީ އެމްޑީޕީން އިންތިޒާމުކޮށްގެން ބޭއްވި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އޭގެތެރެއިން ބައެއް މީހުން ފުލުހުންނާއި ކުރިމަތިލައި، ގާނޫނާއި ޚިލާފު ހަރަކާތްތަކެއް ހިންގަންފެށުމުން، ފުލުހުން އެ އެއްވުން ހުއްޓުވައި އަމަން ގާއިމުކުރުމަށް މަސައްކަތްކުރިކަމަށެވެ.
ފުލުހުން ވަނީ ޤާނޫނާ ޚިލާފް އެ އަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރި ވަކިވަކި ފުލުހުންނާއި އެފުލުހުންގެ އާއިލާގެ ބައެއް ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އާންމުކޮށް، ހިންގަމުންދާކަންވެސް ފާހަގަކުރައްވާ އެ އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ.
ގާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެއޮފިސަރުންގެ އާއިލާއަށް ނަފްރަތު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި މަޢޫލޫމާތު ފަތުރަމުންދާކަމަށް ބުނެފައެވެ.
ފުލުހުން ވަނީ އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް އަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު ފުލުހުންގެ ޚިދުމަތުގެ ފަރާތުން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.
ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުއްދަނޫން އެއްވެސް އަމަލެއް ކޮށްފިނަމަ، އެ އަމަލަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ވަނީ ދީފައެވެ.