ވ. ފެލިދޫ ހޮސްޕިޓަލް އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު، އޮނަރަބަލް ޢަބްދުالله ނާޡިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއި، ފެލިދޫ ކައުންސިލްގެ ރައީސް އާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

696 މީހުންގެ އާބާދީއެއް އޮންނަ ފެލިދޫއަކީ ފަތުރުވެރިކަމަށް މަޝްހޫރު ރަށެކެވެ. މި ރަށުގައި އިމާރާތްކުރާ މި ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ނިމުމުން ވ .އަތޮޅުގެ އެންމެހައި ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މިގޮތުން ވ. ފެލިދޫއާއި ވ. އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުން މާލެއަށް ބޭސްފަރުވާއަށް ކުރާން ޖެހޭ ދަތުރުތައް މަދުވެ ސިއްޙީގޮތުންނާއި މާލީ ގޮތުންވެސް ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނޭނެއެވެ.
މި މަޝްރޫޢުގެ ދަށުން 7147 އަކަފޫޓުގެ އެކޮމޮޑޭޝަން ބޮލްކަކާއި 2563 އަކަފޫޓުގެ ސަރވިސް ސެންޓަރަކާއި، 76,175 އަކަފޫޓުގެ ހެލްތް ސެންޓަރ ބްލޮކެއް ހިމެނޭހެން 37 އެނދު އެކުލެވޭ އިމާރާތެއް ބިނާކުރެވޭނެއެވެ. މި މަޝްރޫޢަކީ 105.36 މިލިއަން ރުފިޔާއަށް 540 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.