ދިވެހި އުފެއްދުންތަކަށް ހާއްސަކޮށްގެން ހިންގަމުން އަންނަ ”އޯތެންޓިކް މޯލްޑިވްސް“ ގެ އައުޓްލެޓެއް ފުވައްމުލަކުގައި ވެސް ހުޅުވައިފިއެވެ.
މި މަހުގެ 6 ގައި އެތަން ހުޅުވީ ”އޯތެންޓިކް ފުވައްމުލައް“ ގެނަމުގަ އެވެ. އެތަން ހުޅުއްވައި ދެއްވީ ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގެވެ. އައުލެޓް ހުޅުއްވައި ދެއްވުމަށް ފަހު އޭނަ ވަނީ ތަނުގައި ވިއްކަން ހުރި އުފެއްދުންތައް ވެސް ބައްލަވާލައިފައެވެ.

”އޯތެންޓިކް ފުވައްމުލައް“ އިން އެ ސިޓީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ އަމިއްލަ ތަފާތު ދިވެހި އުފެއްދުން ގަންނަން ލިބޭނެއެވެ.
”އޯތެންޓިކް މޯލްޑިވްސް“ އަކީ ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގެ އިނިޝިއޭޓިވެކެވެ.

މާލެ ސަރަހައްދުތަކުގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުގައި ވެސް އެތަނުގެ އައުޓްލެޓްތަކެއް ހުޅުވާފައޗެ އެވެ. އޭގެ ތެރޭގައި އައްޑޫ ގަން އެއާޕޯޓާއި އއ. ތޮއްޑޫ ހިމެނެއެވެ.
”އޯތެންޓިކް މޯލްޑިވްސް“ ގެ އައުޓްލެޓެއް އަވައްޓެރި ސްރީ ލަންކާ ހުޅުވަން ވެސް މިދިޔަ އަހަރުގެ ތެރޭގައި ބީސީސީން މިދިޔަ އަހަރުގެ ކުރީކޮޅު ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ މަޝްވަރާކޮށްފައިވެއެވެ.