ހުކުރު, ނޮވެމްބަރ 7, 2025
spot_img
- Advertisement -spot_img

”5 މިލިއަން ގަސް“ ޕްރޮގްރާމްގެ ދަށުން އެމްއެންޔޫ އިން ގަސް އިންދުމުގެ މަޝްރޫޢެއް ފަށައިފި

ގައުމީ ޔުނިވަރސިޓީ ދަރިވަރުންގެ ކައުންސިލުން ”5 މިލިއަން ގަސް“ ޕްރޮގްރާމްގައި ބައިވެރިވެ ގަސް އިންދުމުގެ ބޮޑު މަޝްރޫޢެއް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ގައުމީ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ”5 މިލިއަން ގަސް“ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން، ޤައުމީ ޔުނިވަރސިޓީ ދަރިވަރުން ފެށި މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެށީގެ ވަޒީރު، ޠާރިޤް އިބްރާހީމްއެވެ.

އެމްއެންޔޫގެ ގަސް އިންދުމުގެ މަޝްރޫޢެއް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ

މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ޕްރޮގްރާމަކީ ދިގު މުއްދަތަށް ރާއްޖޭގެ ތިމާވެއްޓަށް ފައިދާ ކުރާނެ މަޝްރޫޢެއް ކަމަށާއި، މިފަދަ މަސައްކަތްތަކުގައި ޔުނިވަރސިޓީ ދަރިވަރުންގެ ބައިވެރިވުން ބަލައިގަންނަ ކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި ދަރިވަރުން އިސް ދައުރެއް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް ވަޒީރު ފާހަގަކުރެއްވިއެވެ.

އެމްއެންޔޫގެ ގަސް އިންދުމުގެ މަޝްރޫޢެއް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާ

ދަރިވަރުންގެ ކައުންސިލުން ބުނެފައިވަނީ، ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީއެއް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ފެހިކަން އިތުރުކޮށް، ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތަށް އެއްބާރުލުން ދިނުން ކަމަށެވެ.

ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މަޝްރޫއު ރަސްމީކޮށް ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެ މަޝްރޫއު ފެއްޓެވީ މި އަހަރުގެ ތިމާވެށީގެ ދުވަހާއި ގުޅުވައެވެ.

ގުޅުންހުރި ލިޔުންތައް