- Advertisement -spot_img

އައިސީޖޭގެ ހުކުމަށް ރާއްޖޭގެ ހިއްސާ ބޮޑު، ގަތުލްއާންމާ ދެކޮޅަށް އަބަދުވެސް ތެދުވާނަން: އޭޖީ

ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގުމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެ ކަމަށް ކަނޑައަޅައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްވި ތާރީޚީ ޙުކުމުގައި ދިވެހިރާއްޖެއިން ހުށަހެޅި މުހިންމު ޤާނޫނީ ނުކުތާތަކަށް ކޯޓުން ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާ ކަން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފާހަގަކޮށްފިއެވެ.

މި މައްސަލައިގައި އައިސީޖޭއިން 19 ނޮވެންބަރު 2026 ގައި އިއްވި ޙުކުމާ ގުޅިގެން، މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓެއްގެ ގޮތުން މަސައްކަތްކުރެއްވި ބަންޑާރަނައިބު އުޝާމް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވީ ޤަތުލުޢާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހެދުމަށް ކަމަށެވެ.

މި ޖަރީމާގެ ޝިކާރައަކަށްވި ފަރާތްތަކަށް އިންސާފު ހޯދައިދީ، އެ ޢަމަލު ހިންގާ ފަރާތްތައް ޒިންމާކުރުވުމަށް މަގުފަހިކުރުމަކީ ރާއްޖޭގެ މަޤްޞަދެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ވެސް ހިމެނޭހެން، މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަޙްޤީޤުކޮށް، ދަޢުވާކޮށް އަދަބު ދޭންޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައެޅި ކަނޑައެޅުމަށް ބަންޑާރަނައިބު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

”ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ ބޮޑެތި ޖަރީމާތަކަށް އަދަބު ނުލިބި ދޫވެގެންދާ ދިއުން ހުއްޓުވުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ،“ އަޙްމަދު އުޝާމް ވިދާޅުވިއެވެ.

މި މައްސަލައިގައި އައިސީޖޭއިން ކުރި ތާރީޚީ ޙުކުމުގައި، ދިވެހިރާއްޖެއިން ހުށަހެޅި މުހިންމު ޤާނޫނީ ނުކުތާތަކަށް ކޯޓުން ވަނީ ވަރަށް ބޮޑަށް ރިއާޔަތްކޮށް، ތާއީދުކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ ޝަރުޢީ މައިދާނުގައި ދިވެހި ސަރުކާރުން ވަކާލާތުކުރި ގޮތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

އެ ގޮތުން، ދައުލަތެއްގެ ސަރަޙައްދުގައި ޤަތުލުޢާންމު ހިންގައިފިކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން، އެކަން ތަޙްޤީޤުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅިއެވެ. އަދި އެ ތަޙްޤީޤުތަކަކީ އަވަސް، ހަރުދަނާ، ފުރިހަމަ، މިނިވަން، މުސްތަޤިއްލު އަދި ހެޔޮ ނިޔަތުގައި ކުރިއަށްގެންދާ ތަޙްޤީޤުތަކަކަށް ވާން ޖެހޭނެ ކަމަށް ރާއްޖެއިން ބުނި ބުނުމަށް ދަ ގެމްބިއާއިން ތާއީދުކޮށްފައިވާކަން ކޯޓުގެ ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން އަދަބު ދިނުމުގެ ވާޖިބު އަދާކުރުމަށްޓަކައި ހިންގޭ ޝަރީޢަތްތަކުގައި، މިނިވަންކަމާއި މުސްތަޤިއްލުކަންފަދަ އިންސާފުވެރި ޝަރީޢަތެއްގައި ހުންނަންޖެހޭ އެންމެހައި ސިފަތައް ހުންނަންޖެހޭނެ ކަމަށް ރާއްޖެއިން ވަކާލާތުކުރިއެވެ. އަދި ކޯޓުން ކަނޑައަޅާ އަދަބަކީ ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ، ކުރިމަގުގައި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށްވެސް ކޯޓުގެ ޙުކުމުގައި ވަނީ ތާއީދުކޮށްފައެވެ.

ހަމައެއާއެކު، ޤަތުލުޢާންމުގެ އެންމެހައި ޢަމަލުތަކަށް ދަޢުވާކުރެވޭނެ ފަދަ ޤާނޫނީ އޮނިގަނޑުތައް ޤައުމުތަކުން ޤާއިމުކުރަންޖެހޭނެ ކަމަށާއި، ކުށްވެރިންނަށް ހަރުކަށި އަދަބު ދެވޭނެކަން ކަށަވަރުވާންޖެހޭނެ ކަމަށް ދިވެހިރާއްޖެއިން ހުށަހެޅި ނުކުތާއަށްވެސް ކޯޓުން ވަނީ ރިއާޔަތްކޮށްފައެވެ.

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިޢުލާންކުރި ޤައުމަކީ ވެސް ދިވެހިރާއްޖެއެވެ. މި މައްސަލައިގައި ރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ބެރިސްޓަރ އަދި ޕްރޮފެސަރ އަމާލް ކްލޫނީ އާއި، ބެރިސްޓަރ އަދި ޕްރޮފެސަރ ފިލީޕާ ވެބް ކޭ.ސީ. އެވެ.

މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޖާގެ އެތައް ހާސް ބަޔަކު މަރާލައި، ޖިންސީ އަނިޔާގެ ޢަމަލުތައް ހިންގާފައިވާ ކަމަށް އައިސީޖޭއިން ވަނީ ކަނޑައަޅާފައެވެ. މިއީ ޤަތުލުޢާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން އުފުލަންޖެހޭ ކަމަށް އެ ކޯޓުން ނިންމި ފުރަތަމަ ފަހަރެވެ. މިޔަންމާގެ ޢަމަލުތަކުން ގެއްލުން ލިބުނު މީހުންނަށް ބަދަލު ދިނުމަށާއި، ގެދޮރު ގެއްލުނު މީހުން ރައްކާތެރިކަމާއެކު އެނބުރި ވަޒަނަށް ދިއުމުގެ ފުރުޞަތު ދިނުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް