ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ދުނިޔޭގެ އެއްވެސް ޤައުމަކުން ނުލިބޭހާ މިނިވަންކަން، ރާއްޖޭގެ ނޫސްވެރިންނަށް، މި ސަރުކާރުން ވަނީ ދީފައި: ވަޒީރު ސަޢީދު

ރާއްޖޭގެ ނޫސްވެރީންނަށް، ދުނިޔޭގެ އެއްވެސް ޤައުމަކު ނުލިބޭހާ މިނިވަންކަން މި ސަރުކާރުން ދީފައިވާކަން ހާމަވަމުންދާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިކަމުގެ ހެކި ދައްކަވަމުން ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހަމައެކަނި އޮގަސްޓު 28 ވަނަ ދުވަހުވެސް ހެނދުނުއްސުރެ ގްރީންޒޯންގައި ނޫސްވެރީން މުޒާހަރާކޮށް ބޭނުން ވަރަކަށް އަޑު އުފުލަމުން ދިޔަ ކަމަށާއި، ނޫސްވެރީންގެ ކަންބޮޑުވުން އަޑުއެއްސެވުމަށް އިންފޮމޭޝަން މިނިސްޓަރާއި ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން މިނިސްޓަރ އެއްވެތިބި ނޫސްވެރީންގެ ތެރެއަށް ވަޑައިގެން ބައްދަލުކުރައްވާ ވާހަކަތައް އަޑުއެއްސެވި ކަމަށާއި، ކަންބޮޑުވުންތައް ދަންނަވަން އެދުނު ނޫސްވެރީންގެ އަޑު އެއްސެވުމަށް މޯލްޑިވްސް ޖާރނަލިސްޓް އެސޯސިއޭޝަނާ ސީދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ހުރިހާ ވާހަކައެއް އަޑުއެއްސެވި ކަމަށެވެ.

މީގެ އިތުރުންވެސް ރައްޔިތުން މަޖިލީހަށް ހުށަހެޅިފައި އޮތް ބިލަށް ނޫސްވެރީން ބޭނުން ވަރަކަށް ޚިޔާލުތަކާ އިޞްލާޙުތައް ހުށަހަޅަން 10 ދުވަހުގެ ފުރުޞަތު ހުޅުވައިލި ކަމަށާއި، އޮފީސް ނިންމަވާފައި ރައީސުލްޖުމްހޫރިއްޔާ ހިންގަވާފައި މުލީއާގެއަށް ވަޑައިގަތް މަގުމަތީ، ނޫސްވެރީންގެ ނަމުގައި ތިބި ބަޔަކު ފަހަތްޕުޅުން ހިނގާ، އަޑުގަދަކޮށް، ހަށިކޮޅަށް އަތްލާ ހިސާބަށް ގެންދިއުމުންވެސް ސަރުކާރުން ޚިޔާރުކުރީ ކެތްތެރިކަން ކަމަށާއި، ނޫސްވެރީންގެ ސުވާލުތަކަށް ލައިވް ޕްރެސްއެއް ބާއްވަވާ ބަންޑާރަނައިބު ޖަވާބު ދެއްވި ކަމަށާއި އަދި ބަންޑާރަނައިބުގެ ޕްރެސްގައި އިޙްތިޖާޖުކޮށް ބޭނުން އަޑެއް އުފުލަންވެސް ނޫސްވެރީންނަށް ފުރުޞަތު ދެއްވި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަމިއްލަ މެންބަރަކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށްޓަކައެވެ.

މީގެ އިތުރުން ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފްކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަކީ މި ބިލުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް