އިނގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނަ ޑިވިޝަނުގެ ގްރިމްސްބީ ޓައުން އަތުން ޕެނަލްޓީގައި 11-12 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
މިއީ އިނގިރޭސި ލީގު ކަޕްގެ ތާރީހުގައި ޔުނައިޓެޑުން ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ، މުބާރާތުން ކެޓި ފުރަތަމަ ފަހަރެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގްރިމްސްބީ އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައި ޔުނައިޓެޑް ސިއްސުވާލާފަ އެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 22 ވަނަ މިނެޓްގައި ޗާލްސް ވާނެމް ކާމިޔާބުކޮށްދިން އިރު، ދެވަނަ ގޯލު 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޓައިރެލް ވަރެން އެވެ. މިއީ ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑުން ގިނަ ބަދަލުތަކެއް ގެނައި އިރު، މެޗުގެ 75 ވަނަ މިނެޓްގައި ބްރަޔަން އެމްބުއެމޯ ވަނީ ޔުނައިޓެޑްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަށްފަހު ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ 89 ވަނަ މިނެޓްގައި ހެރީ މެގުއާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މެޗުގެ 90 މިނެޓްގެ ކުޅުން ނިމުނުއިރު ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ. ޔުނައިޓެޑުން ޖެހި 13 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އެމްބުއެމޯ އާއި މަޓެއުސް ކުންޔާ ޖެހި ޕެނަލްޓީ އެވެ. ގްރިމްސްބީ އިން ޖެހި 13 ޕެނަލްޓީގެ ތެރެއިން 12 ޕެނަލްޓީ ކާމިޔާބުކޮށް އެޓީމުން ވަނީ ތާރީހީ މޮޅެއް ހޯދައިފަ އެވެ.