ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

ކުރިނބީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކުރިނބީ ސްކޫލުގައެވެ.

ކުރިނބީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލުމާއި ރަށުގެ ބޯހިޔާވަހިކަމަށް އިޢުލާނު ކުރެވުނު ހައުސިންގ ޔުނިޓްގެ މަސައްކަތް ފައްޓަވައިދެއްވުމާއި ރަށުގެ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރު ރައްޔިތުން ބޭނުންވާ ބައެއް ބަދަލުތައް ގެނައުމަށާއި ސްކޭޓް ކުރާނެ ސަރަހައްދަކާއި މޫދަށް އެރޭނެ ސަރަހައްދެއް ގާއިމުކޮށްދެއްވުން ހިމެނެއެވެ. ކައުންސިލުން އިތުރަށް ވަނީ، ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި ފުޓްސަލް ދަނޑުގެ ޓަރފް އެޅުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ކުރިނބީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ރަށުގައި ރައްކާތެރިގޮތުގައި ކުނި ބެލެހެއްޓުމަށް ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި މުއައްސަސާތަކުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށު ސްކޫލުގެ ކްލާސްރޫމްގެ ދަތިކަމާއި ރަށު ހެލްތު ސެންޓަރަށް ވެކްސިން ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ. މީގެއިތުރުން އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް އިތުރު އިންޖީނެއް ބޭނުންވާކަމާއި އިންޖީނުގޭގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރަށުގައި ފެނަކަ އިމާރާތެއް ގާއިމުކޮށްދެއްވައި އައު އިންޖީނެއް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް