- Advertisement -spot_img

ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، އެކި ވަނަތައް ހާސިލުކުރެއްވި ބައިވެރިންނާ އިނާމު ޙަވާލުކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މީގެ ކުރިން ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެވެނީ ކޮންމެވެސް މުއައްސަސާއެއް ތަމްސީލް ކުރާ ގޮތަށް ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ ބައިވެރިވާން ބޭނުން ކޮންމެ ބައިވެރިޔަކަށް ފަރުދީ ގޮތުން ބައިވެރިވެގެން އޮޑިޝަން ބުރުގައި ވާދަކުރެވޭ ގޮތަށް ބޭއްވުނު މުބާރާތެކެވެ. ސެމީ ފައިނަލް އަދި ފައިނަލް ބުރެއް ހިމެނޭހެން ކުރިއަށްގެންދެވުނު މިމުބާރާތުގެ އިދާރީ ހުރިހާ ކަމެއް ވަނީ ޑިޖިޓަލައިޒްކުރެވިފައެވެ. އަދި ޤަވާއިދަށް އަލަށްގެނައި ބަދަލާއެކު މުބާރާތުގެ ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ 3 ބައިގެ ކިޔެވުމަށް އިންސާފުކުރުމަށް ކަނޑައަޅާ ފަނޑިޔާރުންގެ 2 ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގެ ހުވާކުރެއްވި ދުވަހުން ފަށައިގެން ދިވެހިރާއްޖޭގައި ކީރިތި ޤުރުއާންގެ ޢިލްމު ވީހާވެސް ފުޅާކޮށް، ފެތުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ ޚާއްޞަ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ވަނީ ހައްދަވާދެއްވާފައެވެ. ހަމަމިއާއެކު، ޤައުމީ މުބާރާތަށް މިހާރު ޚަރަދުކުރަނީ ސީދާ ދައުލަތުގެ ބަޖެޓުންނެވެ.

ފައިނަލުގައި 138 ބައިވެރިޔަކު ވާދަކުރި ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ބައިވެރިޔާ އާއި ޙާފިޘުންގެ ގޮފިން 1 ބައިވެރިޔާއަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ބައިވެރިޔާ އާއި ޙާފިޘުންގެ ގޮފިން 1 ބައިވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމު އަދި ބޭނުން ދާއިރާއަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ވަނީ ޙަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި ދީނީ ކަންކަމަށް އެހީވާ ވަޤުފު ފަންޑު ހިމެނޭހެން އިސްލާމީ ކަންތައްތަކާއި އަވްޤާފާ ބެހޭ ވުޒާރާއިންދޭ ފައިސާގެ އިނާމާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓަޑުންދޭ ޢުމްރާ ދަތުރާއި ޓްރޮފީވެސް މިބައިވެރިންނާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

އެންމެ ފަޚްރުވެރި ވަނަވަނައަށް ހޮވުނު ބައިވެރިންނާ އިނާމު ޙަވާލުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ބައިވެރިންނާއެކު ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.

މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 3 ވަނަ އަދި 2 ވަނަ ބައިވެރިޔާ އާއި ޙާފިޘުންގެ ގޮފިން 3 ވަނަ އަދި 2 ވަނަ ބައިވެރިޔާއަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ތަޢުލީމާއި، ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް، ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ހާފިޡުންނަށް ދޭ ޢިނާޔަތް، ދެގުނައަށް ބޮޑުކުރެއްވުމާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ދައުރު ފުޅާކޮށް، އަތޮޅުތަކުގައި ޤުރްއާން ކިޔަވައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ފާހަގަކޮށްލެވޭފަދަ ބައެއް ކުރިއެރުންތަކެވެ.

ގުޅުންހުރި ލިޔުންތައް