އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ ފުރަތަމަ ތިން މިނެޓުތެރޭގައި ޔުނައިޓެޑްގެ ބްރެޒިލް ފޯވާޑް މެތިއުސް ކޫންޔާ ވަނީ ރަނގަޅު ދެހަމަލާއެއް ފުލަމްގެ ގޯލަށް ފޮނުވާލާފައެވެ. އޭގެ ތެރެއިން އެއްހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ.

ނަމަވެސް ކެޕްޓަން ބްރޫނޯ ފެނާންޑެޒް ކުރިއަށް ފޮނުވާލި ބޯޅަ ގޯލާއި އަމާޒުނުވެ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މިއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ފެނާންޑޭޒްގެ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ. އަދި މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. މިލަނޑަކީ މެޗުގެ 58 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ޑިފެންޑަރި ލެނީ ޔޯރޯ ގޯލަށް ފޮނުވާލި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި ފުލަމްގެ ފޯވަޑް ރޮޑްރިގޯ މުނީޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ފުލަމް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ފަހުހާފުގެ 73 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔާގެ ގޮތުގައި ކުޅެން ނިކުތް އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު އެމީލް ސްމިތު ރޯއެވެ. އަދި މީގެ އިތުރުން ވެސް މިހަފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ފުލަމްއަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު މެންޗެސްޓާ ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލުގެ 16 ވަނައިގައެވެ.