- Advertisement -spot_img

ދުވާފަރުގައި ޤާއިމްކުރާ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި

ރ. ދުވާފަރުގައި ސަރުކާރުން ޤާއިމުކުރާ އައުޓްޑޯ ވޮލީކޯޓުގެ އަމަލީ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

މިކޯޓުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ދުވާފަރުގައި އަލަށް ތަރައްގީކުރި މިކޯޓާއެކު އެރަށުގައި މިހާރު ދެ ވޮލީކޯޓު އެބައޮތެވެ. މި އައުޓްޑޯ ވޮލީ ކޯޓަކީ ރަށުގެ ތަރައްޤީއަށް ލިބުނު އިތުރު ކުރިއެރުމެކެވެ. އެގޮތުން އެރަށުގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމުން، މީގެ ކުރިން އެންމެ ކޯޓެއް އޮތުމުން ހަވީރު ވަގުތު ކުޅެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހަނިވެފައިވީ ނަމަވެސް މިހާރު ގިނަ މީހުންނަށް ހަވީރު ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ވޮލީ ކުޅުންތެރިން ނިސްބަތްވާ ދުވާފަރުގެ ޔޫތު ޑިވެލޮޕްމެންޓަށް ވެސް އަލަށް ތަރައްގީ ކުރެވުނު ކޯޓުގެ ސަބަބުން ހެޔޮ އަސަރެއްކުރާނެކަމަށް އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް ވިދާޅުވިއެވެ. މިވަގުތު ސްކޫލު ކުދިން ފަރިތަކޮށްލަން އޮތީ ހަމައެކަނި ސްކޫލުގައި އޮތް އިންޑޯ ކޯޓުކަމަށްވުމުން ރަށަށް އިތުރުވި އައު އައުޓްޑޯ ކޯޓުގެ ސަބަބުން ހުނަރުވެރި އައު ޒުވާން ކުޅުންތެރިން އުފެދިގެންދާނެކަމަށް ވެސް އެސްޖީ ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި ސަރުކާރުން އަންނަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންނެވެ. އެގޮތުން ކޯޓުތަކާއި ދަނޑުތަކުގެ އިތުރުން ޓްރެކްތަކުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން އަންނައިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި އާންމުން ހިފަމުންދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް