ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.
ހ. މީރުމާގައި އޮތް ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ ރާފިއު އެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސްޕޯޓްސް މިނިސްޓްރީން ބުނީ ދެ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަސީލަތްހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން މިނިސްޓްރީން މިހާތަނަށް 87 އެފްއާރްސީ ގާއިމުކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.