ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަފީގު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރުސީއެމް)ގެ މެންބަރުކަމަށް މުހައްމަދު ޝަފީގު މަހުމޫދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަފީގު އައްޔަނުކުރުމަށް ފާސްކޮށްފައިވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރްސީއެމްގެ ދެ މެންބަރެއްގެ ދައުރު ހަމަވާތީ ކޮމިޝަންގެ މެންބަރު ކަމަށް މިދިޔަ ޖުލައި މަހު ހުޅުވާލިއެވެ.

މެންބަރުކަމުގެ ދައުރު ހަމަވަނީ ކޮމިޝަންގެ ނައިބް ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުލްރައްޒާގު އެވެ. އެ ދެ މެންބަރުންގެ ދައުރު ހަމަވަނީ ސެޕްޓެމްބަރު އަށް ވަނަ ދުވަހަށެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް އިއުލާނު ކުރުމުން އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަން ހުށަހަޅުއްވާފަ އެވެ. އެއީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ އާއި މ. ކޮޕީ، މުހައްމަދު ޝަފީގު މަހުމޫދެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މި ދެނަން ދިރާސާ ކުރެއްވުމަށް ހުށައެޅުމުން އެ ކޮމެޓީން ވަނީ އެ ދެ ބޭފުޅުންނާ އިންޓަވިއުކުރައްވާ މާކްސް ދެއްވާފަ އެވެ. ކޮމިޓީން ރުހުން ދޭނީ %75 އަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. އެގޮތުން ރައީސް ނަން ފޮނުއްވެވި ދެ ބޭފުޅުންގެ ތެރެއިން %75 އަށްވުރެ މަތިން މާކްސް ލިބިވަޑައިގަތީ ޝަފީގަށެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންނަކީ ރައީސް މަރިޔަމް މުނާ، ނައިބު ރައީސް މޫމިނާ ވަހީދު، ސަމާއު އަހްމަދު ނަޖީބް، އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ އިތުރުން އިސްމާއިލް ހަބީބް އަބްދުއްރަހްމާނެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ އެޗްއާރުސީއެމްގެ މެމްބަރެއްގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.

ގުޅުންހުރި ލިޔުންތައް