އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އިން 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ރިކާޑޯ ކަލަފިއޯރީ ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ. މިއީ ޔުނައިޓެޑްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ކަލަފިއޯރީ ކާމިޔާބުކުރި ގޯލެކެވެ.
ފުރަތަމަ ހާފުގައި ނަތީޖާ އެއްވަރުކޮށްލަން ޔުނައިޓެޑުން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން އެޓީމުގެ ފުލްބެކް ޕެޓްރިކް ޑޯގޫ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މަޓެއުސް ކުންޔާ ފޮނުވާލި ހަމަލާ މަތަކުރީ އާސެނަލްގެ ކީޕަރު ޑޭވިޑް ރަޔާ އެވެ. ދެވަނަ ހާފުގައި ވެސް ކުންޔާ ވަނީ ބޮލުން ނުރައްކާތެރި ހަމަލާއެއް އާސެނަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. ނަމަވެސް އެ ހަމަލާވެސް ރަޔާ ވަނީ މަތަކޮށްފައެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޗެލްސީ އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މި މެޗުގައި ޕެލެސް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، ޗެލްސީއަށް ގޯލުޖަހާނެ ފުރުސަތުތައް ތަނަވަސްކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ.
މީގެ އިތުރުން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓުން ވަނީ 3-1 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ. ފޮރެސްޓުގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސް ވުޑް އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ޑޭން އެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ގޯލު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިގޯ ތިއާގޯ އެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ލީޑްސް ޔުނައިޓެޑް ނުކުންނާނީ އެވަޓަން އާއި ދެކޮޅަށެވެ.