ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި، ޖުމްލަ ހަތް އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅުގައި އޭޓީއެމް ނެތް ހުރިހާ ރަށެއްގައި މި ޚިދުމަތް ފެށިފައިވާ ކަމަށް ބޭންކުން ބުނެފައިވެއެވެ.
ބ. މާޅޮހުގައި އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި އޭޓީއެމް ޚިދުމަތް ފެށިތާ 25 އަހަރު ފުރިހަމަވި ނަމަވެސް، މީހުން ދިރިއުޅޭ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ރަށްތަކުގައި އަދިވެސް މި ޚިދުމަތް ލިބެން ނެތްކަމަށެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި އޭޓީއެމް ގާއިމްކުރުމުގެ މަޝްރޫއު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށުމަށްފަހު، މި އަހަރުގެ މިހާތަނަށް 47 ރަށެއްގައި އައު އޭޓީއެމް ޚިދުމަތް ފަށާފައިވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
މިހާރު ދ، ހއ، ނ، މ، ށ، ކ އަދި ބ އަތޮޅު ހިމެނޭ ގޮތުން ހަތް އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ގާއިމްވެފައިވާކަމަށް ބޭންކުން ބުނެއެވެ. މީގެ އިތުރުން އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، ބާކީ ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި މި ޚިދުމަތް ފަށައި، މުޅި މަޝްރޫއު ނިންމާލުމަށް އަމާޒުކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭޓީއެމް ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އަސާސީ ބޭންކިން ޚިދުމަތް ފޯރުކޮށްދިނުމަށް އޮތް އެންމެ ފުރިހަމަ ވަސީލަތް ކަމަށެވެ. މާލޭގައި އޭޓީއެމް ބޭނުންކުރާ މިންވަރާއި، އޭޓީއެމް ސެންޓަރުތަކުގެ ކިއުތަކަށް ބަލާއިރު، މި ޚިދުމަތުގެ ބޭނުންތެރިކަން ސާފުކޮށް ފެންނަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މާލޭގެ ރައްޔިތުންނަށް އޭޓީއެމް ޚިދުމަތް މިހާ މުހިންމު ޚިދުމަތަކަށްވެފައި، ރަށްރަށުގެ ރައްޔިތުންނަށް ވެސް މި ޚިދުމަތް ހަމަ އެހާ ބޭނުންތެރި ޚިދުމަތަކަށް ވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ނަގުދު ފައިސާއާ ގުޅުންހުރި ޚިދުމަތްތަކުގެ އިތުރުން، ބޭންކުގެ ޑިޖިޓަލް ބޭންކިން ޚިދުމަތްތަކުން ވެސް ކަސްޓަމަރުންނަށް ބޮޑު ލުއިފަސޭހަކަން ލިބެމުންދާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. މިހާރު ބީއެމްއެލްގެ މުއާމަލާތްތަކުގެ 99.7 އިންސައްތަ ހިންގަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.