- Advertisement -spot_img

ކުޑަރިކިލު ކައުންސިލް އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ސްކޫލްގައެވެ.

ކުޑަރިކިލު ކައުންސިލް އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމާއި ކައިރީގައި އޮތް ފިނޮޅު، ރަށު ރައްޔިތުންގެ ބޭނުމަށް ހޯދައިދެއްވުމަށާއި ރަށްގިރުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުން ހިމެނެއެވެ. މީގެއިތުރުން ސްކޫލްގެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމާއި މި މަސައްކަތުގެ އިތުރަށް، ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް ގާއިމުކޮށްދެއްވުމަށާއި ރަށު އިންޖީނުގެއާއި، ދުރު ހިސާބުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ހުރި ދަތިތަކުގެ މައްޗަށް އެ ބޭފުޅުން އަލިއަޅުއްވައިލެއްވިއެވެ. އަދި ރަށު ކައުންސިލާއި ޞިއްޙީ މަރުކަރުގެ ޖާގައިގެ ދަތިކަމުގެ ކަންބޮޑުވުން މި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.

ކުޑަރިކިލު ކައުންސިލް އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް