ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބ. ކަމަދޫގައި މިއަދު ރަސްމީކޮށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ކަމަދޫއަށް ވަޑައިގެން މިއަދު ހެނދުނުއެވެ.

ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއަރޕަސަން އަޙްމަދު ޢަލީ ހަބީބްގެ އިތުރުން މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވަޑައިގެންނެވިއެވެ.

އަމިއްލަ ރަށުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ބީއެމްއެލްއިން މިހާރު އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްއިން ވަނީ މިއަހަރު ތެރޭ އެކަނިވެސް 37 އޭޓީއެމް ހުޅުވައިފައެވެ. ބީއެމްއެލްއިން ބުނީ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ޚިދުމަތް ފެށުން ކަމަށެވެ.

ކަމަދޫގައި ޤާއިމުކުރި އޭޓީއެމް މެދުވެރިކޮށް އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ފޮނުވުމުގެ އިތުރުން ކްރެޑިޓް ކާޑަށް އަދި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.

ކަމަދޫއަކީ ބ. އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ކުރަމުން އަންނަ އެއް ރަށެވެ. މިހާރުވެސް އެރަށުގައި 13 ގެސްޓްހައުސް ހިންގައެވެ.

ގުޅުންހުރި ލިޔުންތައް