ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު އާދަމް ޝަރީފު ޢުމަރު ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު އޮތް މި ބައްދަލުކުރެއްވުމުގައި ހއ. އަތޮޅުގެ ރަށްރަށުގައި ކުރުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފައި ވެއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވެއެވެ.
ވުޒާރާގެ ރަށްވެހި މާލަމުގައި އޮތް މި ބައްދަލުވުމުގައި އެވުޒާރާއިން ކައުންސިލްތަކާއެކު ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި، ހއ. އަތޮޅު ކައުންސިލް މެމްބަރުން ވަނީ ވުޒާރާގެ އެންމެހައި މުވައްޒަފުންނަށާއި، ވަޒީރު އާދަމް ޝަރީފު ޢުމަރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ޑެޕިޔުޓީ މިނިސްޓަރު ޢަލީ ޝަމީމާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޙަސަން ނިޒާރު ބައިވެރިވެލެއްވިއެވެ.



