ފަލަސްތީނުގެ ޣައްޒާ ހިފުމަށް ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުގެ ކެބިނެޓުން ފާސްކޮށްފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައު އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
ޣައްޒާ ހިފައި ވަކި ވެރިކަމެއް ހިންގަން އިޒްރޭލުގެ ކެބިނެޓުން ވަނީ ފާސްކޮށްފައެވެ. އިޒްރޭލުގެ މި ނިންމުމާ ދެކޮޅަށް ގިނަ ގައުމުތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގާޒާގެ ކޮންޓްރޯލް ހޯދަން އިޒްރޭލުން ގެންގުޅޭ ޕްލޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު އަމަލަކަށްވާއިރު، މިއީ ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ޙައްޤަށް ބޮޑު އަރައިގަތުން ކަމަށެވެ.
މި ނިންމުމުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންނަށް ވޭނާއި ތަކްލީފު އިތުރުވުމުގެ އިތުރަށް، މިއީ ދެމެހެއްޓެނިވި ސުލްޙައަށާއި ސަރަޙައްދީ ހަމަޖެހުމަށް ކުރިމަތިވާނެ ނުރައްކަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ފަލަސްތީނު ރައްޔިތުންނާއެކު ރާއްޖެ ދެމި އޮންނާނެ ކަމަށާއި ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ނުވަތަ ފަލަސްޠީނުގެ ސިޔާދަތަށް އުނިކަން ގެނައުމަށް ކުރެވޭ އެއްވެސް މަސައްކަތެއް ރާއްޖެއިން ގަބޫލުނުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ އިޒްރޭލުން ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ރާވާފައިވާ ޕްލޭން ތަންފީޒުކުރުން ހުއްޓުވުމަށާއި، ފަލަސްޠީނުގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށާއި، އަދި ފަލަސްޠީނު ސަރަޙައްދުތަކުގައި ހިންގާފައިވާ އެންމެހައި ގާނޫނާ ހިލާފު ޢަމަލުތަކަށް އެގައުމު ޒިންމާދާރުކުރުވުމަށް އަވަސް ފިޔަވަޅުތަށް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައު އަށް ގޮވާލާފައެވެ.