އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޒަކާތު ފަންޑު ސްކޮލަރޝިޕަށް އެދި 29 ފަރާތަކުން ފޯމު ހުށަހަޅައިފި

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ހަމަޖައްސައިދިނުމަށް ނިންމާފައިވާސްކޮލަރޝިޕަށް އެދި 29 ފަރާތަކުން އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރީލްމަހުއެވެ. އަދި ސްކޮލަރޝިޕްއަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

އެ މިނިސްޓްރީން ބުނީ ސްކޮލަރޝިޕްއަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުން 29 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އެގޮތުން މަތީ ތަޢުލީމް ހާސިލްކުރުމަށްދޭ ސްކޮލަރޝިޕްއަށް އެދި 18 އެޕްލިކޭޝަން ލިބުނުކަމަށާއި ޚާއްސަ ސްކޮލަރޝިޕްއަށް އެދި 11 އެޕްލިކޭޝަން ލިބިފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލާފައިވަނީ 50 ސްކޮލަރޝިޕް ފުރުޞަތެވެ. މީގެ ތެރެއިން 20 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާއިރު، 30 ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުޞަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުޞަތުތަކެއްކަމަށެވެ. މި 13 ފުރުސަތު ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީއާއި، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީގެ އިތުރުން ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށެވެ.

މީގެއިތުރުން ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ މިއިން ކޮންމެ ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓަކަށްވުމަށް އެއް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕެންޑް) 10 ފުރުސަތު ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް