އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޤައުމީ ނިއުސް އޭޖެންސީއެއް އުފެއްދުމަށް ސަރުކާރުން ނިންމައިފި

ދިވެހިރާއްޖޭގައި ޤައުމީ ނިއުސް އޭޖެންސީއެއް ޤާއިމުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން މަސައްކަތް ފެށުމަށް ނިންމައިފިއެވެ.

މިކަމަށްޓަކައި ދެ ފަރާތުގެ ދެމެދުގައި މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވެއެވެ. ފަހުމުނާމާގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހީމް ވަހީދުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.

ޤައުމީ ނިއުސް އޭޖެންސީއެއް އުފެއްދުމަށް ފަހުމުނާމާއެއްގައި ސޮއިކުރުން | ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

 

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހީމް ވަހީދު ފާހަގަކުރެއްވީ، ދިވެހިރާއްޖޭގައި މީޑިއާ ހިންގުމުގައި ދިމާވާ ދަތިތަކުގެ ވާހަކައެވެ. ކުޑަ ބަޖެޓަކާއި މަދު މުވައްޒަފުންނާއެކު މީޑިއާ ހިންގަން ޖެހުމަކީ މީޑިއާތައް ކުރިއަށް ނުދާން މެދުވެރިވާ މައިގަނޑު ސަބަބެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ނިއުސް އޭޖެންސީ ޤާއިމުވުމުން، ޚާއްޞަކޮށް އަލަށް އުފެދޭ މީޑިއާތަކަށް، މަދު މުވައްޒަފުންނާއެކު ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޤައުމީ ނިއުސް އޭޖެންސީއެއް އުފެއްދުމަށް ފަހުމުނާމާއެއްގައި ސޮއިކުރުން | ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

އަލަށް ޤާއިމުކުރާ ނިއުސް އޭޖެންސީގެ ޚިދުމަތްތައް ޑިޖިޓަލް ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މި ޕްލެޓްފޯމުގައި ރަޖިސްޓަރީކުރާ މީޑިއާތަކަށް ޚަބަރާއި މަޢުލޫމާތުގެ އިތުރުން، ފޮޓޯއާއި ވީޑިއޯ ކޮންޓެންޓްވެސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތް ފޯރުކޮށްދިނުމުގައި ޔޫތު މިނިސްޓްރީގެ ފުރިހަމަ ބައިވެރިވުން އޮންނާނެއެވެ.

މަޢުލޫމާތު ފެތުރުމުގެ ދާއިރާ ހަރުދަނާކޮށް، ޚަބަރާއި މަޢުލޫމާތު ލިބިގަތުމުގެ ފަސޭހަތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށްވާއިރު، މި ނިއުސް އޭޖެންސީ ޤާއިމުކުރުމަކީ އެ ސިޔާސަތު ތަންފީޒުކުރުމުގެ މުހިންމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް