- Advertisement -spot_img

581 ގޮނޑިއާއެކު ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޕީއެންސީ!

މި މަހުގެ ހަތަރުވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެއެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށް ހުރިހާ ދާއިރާތަކެއްގެ ނަތީޖާތައް މިހާރު ވަނީ ގެޒެޓްކޮށްފައެވެ. ނާއިމީ ނަތީޖާ ދައްކާގޮތުން މި އިންތިޚާބުގައި ކޮންގްރެސް ޕާޓީން ވަނީ 581 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 562 ގޮނޑި އެވެ. އެހެން ކަމުން 21 ގޮނޑީގެ ފަރަގުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއަކަށްވަނީ ކޮންގްރެސްއެވެ.

އަމިއްލަ ގޮތުން ވާދަކުރި 168 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބު ކޮށަފަ އެވެ. އެމްޑީއޭއަށް 23 ގޮނޑި ލިބުނެވެ. އަދާލަތަށް ހަ ގޮނޑި އަދި ޖުމްހޫރީ ޕާޓީއަށް ހަތަރު ގޮނޑި ލިބިފައިވެއެވެ. ޑިމޮކްރެޓްސް އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބު ކޮށްފައެވެ. ކުރީގެ ރައީސް ޔާމީން ތާއީދު ކުރެއްވި އެއްވެސް ކެނޑިޑޭޓެއް ނުހޮވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި 1346 ކެންޑިޑޭޓުން އިންތިޚާބު ކޮށްފައިވެއެވެ. އޭގެ ތެރެއިން ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ކޮންގްރެސް ޕާޓީންނެވެ. ކައުންސިލް ރައީސްގެ 75 ގޮނޑި އެ ޕާޓީން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ލިބުނީ 73 ގޮނޑިއެވެ.

ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރި ގޮނޑިތަކުން 101 ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކުރިއެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ 87 ގޮނޑިއެވެ. ކައުންސިލް މެންބަރު ކަމުގެ 99 ގޮނޑި ކޮންގްރެސް އިން ހޯދިއިރު އެމްޑީޕީއަށް ލިބިފައި ވަނީ 82 ގޮނޑިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސާ އިންގެ 83 ގޮނޑި ކޮންގްރެސް އަށް ލިބުނެވެ. އެމްޑީޕީއަށް ލިބުނީ 60 ގޮނޑިއެވެ. ކޮމެޓީތަކުގެ މެންބަރުންގެ 214 ގޮނޑި ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބުކުރި އެވެ. އެމްޑީޕީއަށް ލިބުނީ 167 ގޮނޑިއެވެ. ސިޓީތަކުގެ 45 ގޮނޑި އެމްޑީޕީން ހޯދިއިރު ކޮންގްރެސްއަށް ލިބުނީ ފަސް ގޮނޑި އެވެ. ސިޓީތަކުގެ ކޮމެޓީތަކުން އެމްޑީޕީން 42 ގޮނޑި ހޯދި އެވެ. ކޮންގްރެސްއަށް ލިބުނީ ހަތަރު ގޮނޑިއެވެ.

ދެތީން ހަތަރު ރަށެއްގެ ބައެއް ގޮނޑިތަކަށް ދެވަނަ ބުރެއް ބާއްވަން ޖެހުނެވެ. އެއީ ވޯޓުން އެއްވަރު ވެގެންނެވެ. ދެވަނަ ބުރު އޮތީ އަންނަ ހޮނިހިރު ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް