ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އިތުރު ބޭސް ފިހާރައެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ.
މި ބޭސް ފިހާރަވެސް ހުންނަނީ ހުޅުމާލޭ ހުވަނދުމާ ހިނގުމުގައި، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައެވެ.
އެސްޓީއޯއިން ބުނީ މި ބޭސް ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެސްޓީއޯއިން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން ހުޅުމާލޭގައި ހުޅުވި ބޭސް ފިހާރަ ”އެސްޓީއޯ ފާމަސީ ސެންޓްރަލް“ އިން މިހާރު ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި ބޭސް ފިހާރައަކީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ޝިމާދު އިބްރާހިމް 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހާމަކުރެއްވި ގޮތަށް ކުރިން އެސްޓީއޯ ސްމާޓް ސްޓޯ ހިންގަމުން އައި ތަނުގައި ޤާއިމްކުރެވިފައިވާ ފާމަސީއެއް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯގެ އެހެނިހެން ބޭސް ފިހާރަތަކެކޭ އެއްފަދައިން، މި ބޭސް ފިހާރައިންވެސް ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަދި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބިގަތުމަށްޓަކައި ކޭޝްގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި، އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް އެސްޓޯއީން ފާހަގަކުރިއެވެ.
މި ބޭސް ފިހާރަ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 މެންދަމު 12:00 ހަމައަށެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަމަށެވެ.