ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ޑްރާމާ ”ޢާއިލާ“ އަށް ބޮޑު ކާމިޔާބީއެއް

ނެޝަނަލް ސެންޓަރ ފޮރ ދި އަރޓްސްއިން ބޭއްވި ”އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446“ ގައި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީގެ ފަރާތުން ބައިވެރިކުރި ޑްރާމާ ”ޢާއިލާ“ އަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އޮލިމްޕަހުގައި ރޭ ބޭއްވި ޚާއްސަ ހަފުލާގައި އެ މިނިސްޓްރގެ ޑްރާމާއަށް ވަނީ 11 އެވޯޑް ލިބިފައެވެ.

އެގޮތުން، ”އޮފީސްތަކުގެ ޑްރާމާ މުބާރާތް 1446“ ގެ އެންމެ މޮޅު ޑްރާމާ އެވޯޑުވެސް ލިބިފައި ވަނީ މި ވުޒާރާގެ ފަރާތުން ބައިވެރިކުރި ޑްރާމާ ”ޢާއިލާ“ އަށެވެ. ހަމައެހެންމެ، އެންމެ މޮޅު ފިރިހެން އަދި އަންހެން އެކްޓަރ، އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ، އެންމެ މޮޅު އަންހެން ނިއުކަމަރ އަދި އެންމެ މޮޅު ލަވަ މި ޑްރާމާވަނީ ހާސިލްކޮށްފައެވެ. މީގެ އިތުރުން، ބެލުންތެރިންގެ އެންމެ ގިނަ ވޯޓާއިއެކު އެންމެ މަޤްބޫލް ޑްރާމާ، އެންމެ މަޤްބޫލް ފިރިހެން އަދި އަންހެން އެކްޓަރުގެ އެވޯޑު ވެސް ހާސިލުކޮށްފައިވަނީ އެ ވުޒާރާގެ ޑްރާމާ ”ޢާއިލާ“ އެވެ. އަދި އާދަޔާހިލާފު މޮޅު ހުށަހެޅުމަށް ދޭ ޖަޖުންގެ ޚާއްސަ އެވޯޑް ވެސް ލިބިފައިވަނީ ވެސް މި ޑްރާމާއަށެވެ.

މަޝްހޫރު ފިލްމު ކުޅުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރ މުޙައްމަދު ފައިސަލް ޑައިރެކްޓް ކޮށްދެއްވި މި ޑްރާމާގެ މައިގަނޑު މަޤްސަދަކީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުމަށް މި ވުޒާރާއިން ކުރިއަށް ގެންދާ ’ކޮންމެ ކުއްޖަކަށް ޢާއިލާއެއް‘ ޕްރޮގްރާމާއި ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއެކު، އެ ކުދިންނާމެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމެވެ. މީގެއިތުރުން، އެކުދިންނަކީ މުޖުތަމަޢު ބަލައިގަންނަ ގަދަރުވެރި ކުދިންނަށް ހެދުމުގައި މުޖުތަމަޢުގެ އެއްބާރުލުން ހޯދުމަށާއި އެ ތަސައްވުރު ބިނާކުރުމަށް މި ޑްރާމާ މެދުވެރިކޮށް ތަފާތު މެސެޖުތައް ވަނީ ރައްދުކޮށްދީފައެވެ.

އެގޮތުން، ބެލުންތެރިންގެ މެދުގައިވެސް އެންމެ މަޤުބޫލުވެގެން ގޮސްފައިވާ ”ޢާއިލާ“ ޑްރާމާއިން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކޮންމެ ކުއްޖަކަށްވެސް ލޯބިވާ އަދި އެހީތެރިވެދޭ ޢާއިލީ މާޙައުލެއް ފޯރުކޮށްދިނުމުގެ މުހިންމުކަން ހާމަކޮށްދީފައެވެ.

މި ޑްރާމާގެ ވާހަކައިން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާއި އަދި ޢާއިލީ މާހުލެއްގައި ލޯތްބާ ކުލުނު ލިބިގެން އެކުދިން ހޯދާ ކާމިޔާބީތައް ރީތިކޮށް ދައްކުވައިދެއެވެ. އަދި ހަމަޖެހޭ، އޯގާތެރި ގެދޮރުގެ މުހިންމުކަމާއި، އެފަދަ މާޙައުލަކުން ކުއްޖެއްގެ ދިރިއުޅުމަށް ގެނެސްދޭ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައެވެ.

ގުޅުންހުރި ލިޔުންތައް