ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މަރުޙޫމް ޙަސަން ޞާބިރު (ނ.ޢ.ޢ.ވ) އަވަހާރަވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި، މިއީ މުޅި ދިވެހި ޤައުމަށްވެސް ލިބުނު ފުން ހިތާމައެއް ކަމަށެވެ. މީގެ އިތުރުން، މަރުޙޫމް ޙަސަން ޞާބިރަކީ ވަޒީރުކަމުގެ މަޤާމުގައްޔާއި ސަފީރު ކަމުގެ މަޤާމުގައި، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި ޚާރިޖިއްޔާއަށްވެސް ދިގުމުއްދަތެއްގައި، ހަރުދަނާ، ގިނަ އަދި ބިނާކުރަނިވި މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޜްޙޫމް ޙަސަން ޞާބިރަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ދިގު ތާރީޚުގައި ވަނީ، ދިވެހި ޤައުމުގެ އިޤުތިޞާދާ ބެހޭ ހުރިހާ ދާއިރާއެއްގައި ޚިދުމަތްކުރައްވާފައެވެ. އެ ދާއިރާތަކުގެ ތެރޭގައި، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ހިމެނެއެވެ. އަދި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި، ޚާރިޖީ ދާއިރާގައިވެސް އެ މަނިކުފާނު ވަނީ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ.
ޙަސަން ޞާބިރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1973 ވަނަ އަހަރުގައެވެ. އަވަހާރަ ވީ އިރު އެ މަނިކުފާނު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނެވި ސަފީރުގެ މަޤާމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ މަރުޙޫމް ޙަސަން ޞާބިރުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުންނެވެ.