ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330ގެ ފްލައިޓުން އަންނަ ފަސިންޖަރުންނަށް ކަމަށް މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ބުނެފި އެވެ.
ވައިޑް ބޮޑީ އެއާކްރާފްޓް އޭ 330 ރާއްޖެ ގެނައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓް އޭ 330 މިއަދު މެންދުރުފަހު ކޮޗިން އިން ވީއައިއޭގައި ޖެއްސުމާ އެކު އެ ބޯޓުގެ ޕަސެންޖަރުންނަށް ހިދުމަތް ދޭނީ އާ ޓާމިނަލުން ކަމަށެވެ.
ކޮޗިން އިން ރާއްޖެ އަންނަ މޯލްޑިވިއަންގެ ބޯޓުގައި ތިބި ކުރޫ އިން ލައިގެން ތިބީވެސް ދިވެހިވަންތަކަން ދައްކުވައިދޭ ހެދުންތަކެވެ.
އެމްއޭސީއެލް އިން ބުނީ މިއަދު މޯލްޑިވިއަންގެ ފްލައިޓަށް އެކަނި ހިދުމަތް ދިން ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ފްލައިޓްތަކަށްވެސް އާ ޕެސެންޖާ ޓާމިނަލުން ހިދުމަތް ދެމުންދާނެ ކަމަށެވެ. އަދި މިވަގުތު ވީއައިއޭގެ ހިދުމަތް ހޯދާ 34 އެއާލައިނަށް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި އާ ޓާމިނަލުން ހިދުމަތް ދޭން ފަށައިގަނެވޭނެ ކަމަށްވެސް އެމްއޭސީއެލް އިން ބުންޏެވެ.
އާ ޓާމިނަލުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ބުނަމުންނެވެ.
ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް ރޭގެ ވަގުތެއްގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއްގެ ތެރެއިން ހުޅުވާ ހިދުމަތް ދޭން ފަށާފަ އެވެ.