އާދިއްތަ, ޖުލައި 27, 2025
spot_img
- Advertisement -spot_img

ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގެ ބޭރުތޮށި މާރާމާތުކުރުމަށް 10.5 މިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސައިދީފި

ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއަށް ދިނުމަށް ހަމަޖެހިފައިވާ އެހީއާ ގުޅޭ ”އެކްސްޗޭންޖް އޮފް ނޯޓްސް“ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވީ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު، ޕާލިމަންޓްރީ ވައިސް މިނިސްޓާ ފޯ ފޮރިން އެފެއާޒް އިކުއިނޯ އަކިކޯ އެވެ.

”އެކްސްޗޭންޖް އޮފް ނޯޓްސް“ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރުން | ފޮޓޯ: ޚާރިޖީ ވުޒާރާ

މި އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 10.5 މިލިއަން އެމެރިކާ ޑޮލަރަކީ މާލޭ ވަށާލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ ”ކޮންސްޓްރަކްޝަން ފޭސް“ އަށް ދޭ އެހީއެކެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ޚަލީލް ދެއްކެވި ވާހަކަފުޅުގައި މާލެ ވަށާލާފައިވާ ތޮށްޓަކީ ހަމައެކަނި ރައްކާތެރިކަމުގެ ބިނާއެއް ނޫން ކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުވެސް ކޮށްދޭ ވަރުގަދަ ހެއްކެއް ކަމަށެވެ. ދެހާސް ހަތަރުވަނަ އަހަރުގެ ސުނާމީ ކާރިސާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކާތެރިކަމަކީ މާލޭ ވަށާލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތްކަން ޚަލީލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

”އެކްސްޗޭންޖް އޮފް ނޯޓްސް“ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު ސޮއިކުރުން | ފޮޓޯ: ޚާރިޖީ ވުޒާރާ

ޚަލީލް ވިދާޅުވީ މިއަދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސް އަކީ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އެޅުނު ފިޔަވަޅެއް ކަމަށާއި އަދި އެއީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެއް ކަމަށެވެ.

ރާއްޖޭގެ ތަރައްގީއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށްވާ ޖަޕާނާއި ރާއްޖެއާއި ދެމެދު ގާއިމުކޮށްފައިވާ ސިޔާސީ ގުޅުމަށް މިއަހަރު 58 އަހަރު ވާނެ އެވެ.

ގުޅުންހުރި ލިޔުންތައް