ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އިންޑިއާ ސަރުކާރާ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު އޮތް ރަސްމިއްޔާތެއްގަ އެވެ. މި ބައްދަލުވުމުގައި 8 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
މިގޮތުން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރި އެއްބަސްވުންތަކަކީ:
ފްރީ ޓްރޭޑް އެއްބަސްވުން (އެފްޓީއޭ)އާ ގުޅޭގޮތުން މަޝްވަރާކުރުމާ ބެހޭ އެއްބަސްވުން
އިންޑިއާގެ އެގްޒިމް ބޭންކުން ދޫކުރާ 565 މިލިއަން ޑޮލަރުގެ އެއްބަސްވުން
އިންޑިއާ އިން ދީފައިވާ ލައިން އޮފް ކްރެޑިޓް ލޯނުތައް އަނބުރާ ދެއްކުމުގައި ލުއިގޮތްތައް ހަމަޖެއްސުމަށް ވެވުނު އެއްބަސްވުން
މަސްވެރިކަމުގެ ދާއިރާއިން ވެވޭ އެއްބަސްވުން އިތުރުކޮށް، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމާ ގުޅޭ އެއްބަސްވުން
އިންޑިއާގެ ފާމަކޯޕިއާ ކޮމިޝަނުން ގަބޫލުކުރާ ރަނގަޅު ފެންވަރުގެ ބޭސް އެތެރެކުރުމާ ބެހޭ އެއްބަސްވުން
މޫސުމާއި ތިމާވެށި ގުޅިގެން މޮނިޓާކުރުމާ ގުޅޭ އެއްބަސްވުން
ޑިޖިޓަލް ތަރައްގީއާއި ޑިޖިޓަލް އިނޮވޭޝަނާ ގުޅޭ އެއްބަސްވުން
އެމްޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް ނެޓްވޯކް ޓު ނެޓްވޯކް ކްރޮސްބޯޑާ ރިފަރެންސް
މީގެއިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގެ ނިމުން ވެސް ފާހަގަކޮށްފަ އެވެ.
މޯދީގެ މި ދަތުރަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށް ސަރުކާރުން ދިން ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.