އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ހިދުމަތް މިމަހުގެ 28 ގައި ފަށަނީ

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކްގެ ދަށުން، ޒޯން 2 ގައި ހިމެނޭ ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

ބ. އަތޮޅުގެ ރައްޔިތުންނަށް މި ހިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށްގެންދެވޭނެއެވެ. މި އަހުލުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 04 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ.

ޓިކެޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ކަސްޓަމަރުންނަށް، 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 01 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮޖެކްޓްގެ ދަށުން ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް މި ހިދުމަތް ފޯރުކޮށްދެމުންދާއިރު، ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ޒޯން 2 ގެ އަތޮޅުތެރޭގެ ހިދުމަތް ފުރިހަމަވީއެވެ. އަދި ކުރިއަށް އޮތްތަނުގައި ޒޯން 2 ގައި ހިމެނޭ ހަތަރު އަތޮޅު ގުޅާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ރާއްޖޭގެ 11 އަތޮޅެއްގައި އާރް.ޓީ.އެލް ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ.

އާރް.ޓީ.އެލް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެވެ. މި މަޝްރޫޢަކީ މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން، ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަގްސަދަކީ، ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު، ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެ ގޮތް މަގުފަހި ކުރުމާއި، އިގްތިސާދީ އަދި އިޖްތިމާޢީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމެވެ.

ގުޅުންހުރި ލިޔުންތައް