އަންގާރަ, ޖުލައި 29, 2025
spot_img
- Advertisement -spot_img

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރާއްޖެއިން ރަސްމީކޮށް މަރުޙަބާކިޔައިފި

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ދަޢުވަތަކަށް ކުރައްވާ މި ދެ ދުވަހުގެ ދަތުރުފުޅަކީ، މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރާއްޖެއިން ރަސްމީކޮށް މަރުޙަބާކިޔުން | ފޮޓޯ: ރައީސް އޮފީސް

މެންދުރު ފަހު ރަސްމީ ފާލަން ސަރަޙައްދުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ވަރަށް ހޫނު މަރުޙަބާ ދަންނަވައިފައެވެ. މި ރަސްމިއްޔާތުގައި ސްކޫލު ދަރިވަރުންގެ ޚާއްޞަ ޕަރފޯމަންސެއް ހިމެނިފައިވާއިރު، ބޮޑުވަޒީރުގެ އިޙްތިރާމުގައި ހަތް ބަޑީގެ ސަލާމެއް އަރުވާފައި ވެއެވެ.

ރައީސް މުޢިއްޒާއި ބޮޑުވަޒީރު މޯދީ ޑަޔަސްއަށް އަރުއްވަން ވަޑައިގަތުމާއެކު ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅެ، އޭގެފަހުން މޯދީ ވަނީ އެމަނިކުފާނުގެ އިޙްތިރާމުގައި ތައްޔާރުކޮށްފައިވާ ގާޑް އޮފް އޮނަރ އިންސްޕެކްޓް ކުރައްވައިފައެވެ. ރަސްމިއްޔާތު ނިމުމުން ދެ ލީޑަރުން ވަނީ ރައީސް އޮފީހަށް ވަޑައިގެން، އެތަނުގައި މޯދީ އިއްޒަތްތެރިންގެ ފޮތުގައި ސޮއިކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރާއްޖެއިން ރަސްމީކޮށް މަރުޙަބާކިޔުން | ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ. މި ބައްދަލުވުންތަކުގައި އިޤްތިޞާދީ ގުޅުންތައް ފުޅާކުރުމާއި، ސަރަޙައްދީ ސަލާމަތާއި ތަރައްޤީއާ ގުޅޭ މުހިންމު މައްސަލަތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ވާހަކަދެކެވޭނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ރާއްޖެއިން ރަސްމީކޮށް މަރުޙަބާކިޔުން | ފޮޓޯ: ރައީސް އޮފީސް

މާދަމާ ބާއްވާ މިނިވަން ދުވަހުގެ ޖަލްސާގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި އޮތް ދެ ޤައުމުގެ ތާރީޚީ ގުޅުން ފާހަގަކުރެވޭ މުހިންމު ވަގުތެއް ކަމުގައި ސިޔާސީ ތަޙްލީލުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް