އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމެއްގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލާ ބެހޭގޮތުން އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކުގެ ސަބަބުން އެ ދަރިކަލުންގެ އަބުރު ގެއްލިފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުން މަންދީ އާއި އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ދައުވާކުރީ މިދިޔަ މާޗް މަހުއެވެ.
އެއީ އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކުގައި, ރާއްޖޭގައި ވޭޕް މަނާކުރަން ނިންމި ނިންމުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން ދޮގު ވާހަކަ ދެއްކުމުންނެވެ.
ފަސްޓްލޭޑީ ދައުވާ ކުރެއްވީ ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލިފައިވާތީ އެކަމަށް އާންމުކޮށް މައާފަށް އެދުމަށް އަމުރުކޮށް ދިނުމަށް އެދިއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މަންދީގެ އެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލެއްގެ އަބުރު ގެއްލިފައިވާކަން ސާބިތުވާކަމަށް ޙުކުމް ކޮށްފައެވެ. ސިވިލް ކޯޓުގެ ހުމުމްގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވާއިރު، ނަމަވެސް މައާފަށް އެދުމަށް މަންދީގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެއެވެ.
މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ފައްޔާޒާއި އެ ޕާޓީ ޒިންމާކުރުވަން އެދުނަސް، އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.



