ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް އޮޕަރޭޓް ކުރާނީ މުޅިން ދިވެހިން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
”ޓީވީއެމްގެ“ ގެ ހޭޔަންބޯ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ އެންމެ ބޮޑު އުފަލަކީ އެ ތަނުގައި ހިދުމަތް ދޭން ތިބޭނީ މުޅިން ވެސް ދިވެހިން ކަމަށް ވުމެވެ. އަދި މިހާރު އެ ހުރިހާ މުވައްޒަފުން ތިބީ ތަމްރީނު ކޮށްފައި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
”އަޅުގަނޑު އުފާވޭ، ފަހުރުވެރިވާ ކަމެއް މިހާ ޓެކްނޮލޮޖިކަލީ އެޑްވާންސްޑް ފެސިލިޓީއެއް ރަން ކުރަން މި ތިބީ ސަތޭކަ ޕަސެންޓު މައްދިވެހިން. ހާއްސަކޮށް ޒުވާން ދިވެހިން،“ ޝަރީފް ވިދާޅުވިއެވެ.

އާ ޓާމިނަލްގެ އޮޕަރޭޝަނަލް ރެޑިނެސް އެންޑް އެއަރޕޯޓް ޓްރާންސްފަރ (އޮރާޓް)ގެ ދަށުން ވަރަށް ތަރުތީބުން ކަންކަން ވަނީ ކުރެވިފައެވެ. މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަގުވާމީ ހާއްސަ ކޮންސަލްޓަންސީ ފާމެއްގެ ލަފާގެ ދަށުންނެވެ.
އަދި މުވައްޒަފުންގެ ތަމްރީނުތައް ވެސް ކުރިއަށް ގެންގޮސްފައިވަނީ އެ ފާމުގެ ލަފާގެ މަތިންނެވެ.
އާ ޓާމިނަލްގެ މަސައްކަތް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ފަސިންޖަރުންގެ ޓާމިނަލް 78،000 އަކަ މީޓަރަކަށް ބޮޑުކޮށް، ހިދުމަތް ހޯދާ މީހުންގެ އަދަދު 7.5 މިލިއަން ފަސިންޖަރުންނަށް އިތުރު ކުރާނެ އެވެ. ޕްރޮޖެކްޓަށް ގެނައި އާ ބަދަލުތަކާ އެކު، އެ ތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހަރަދުކުރި ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެ އެވެ.
އާ ޓާމިނަލާ އެކު، ހެނދުނު 8 އިން މެންދުރު 1 އަށް އެއަރލައިންތަކަށް އިތުރު 16 ޖާގަ ލިބޭނެ ކަމަށާއި، އެއާ އެކު އާ އެއަރލައިންތައް އެ ގަޑިތަކުގައި ޖެއްސުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
އަދި ޓާމިނަލާ އެކު އެމްއޭސީއެލްގެ އާމްދަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި 10 ޕަސެންޓަށް އިތުރުވާނެ ކަމަށް ޝަރީފް ކުރިން ވިދާޅުވެފައިވެއެވެ.