ވިނަރެސް ފްލެޓް އިމާރާތަކުން މިއަދު ވެއްޓި ނިޔާވި އުމުރުން 18 އަހަރުގެ ޝިއާން ޙަބީބުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ތައުޒިޔާ ދަންނަވާފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓްގައި ވިނަރެސް ފްލެޓް އިމާރާތަކުން ވެއްޓި ނިޔާވި ޝިއާން ޙަބީބުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާފައިވެއެވެ.
ރައީސް ވަނީ މަރްޙޫމް ޝިއާން ޙަބީބު، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވުމަށް އެދި ދުޢާކުރައްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތު ދޭގޮތުގައި 18 އަހަރުގެ އެޒުވާނާ ވެއްޓިގެން އެހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ 16:30ހާއިރުކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަމަށެވެ.