- Advertisement -spot_img

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިޔާއަށް ފްލެޓަށް ކުރިމަތިލެވޭނެ

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ދޫކުރާ ފްލެޓުތަކަށް ކުރިމަތިލުމުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެފަރާތްތަކުގެ ރަޖިސްޓަރީވެފައިވާ ބެލެނިވެރިޔާއަށް ފޯމު ހުށަހެޅޭ ގޮތަށް އުސޫލަށް އިސްލާހު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިއްޔެ ގެޒެޓްކުރި މި އިސްލާހުގެ ދަށުން، އުމުރުން 18 އަހަރު ފުރިފައިނުވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ނުކުޅެދުންތެރިކަން ހުރި ގޮތުން އަމިއްލައަށް ފޯމު ފުރުމަށް ނުވަތަ ބޯހިޔާވަހިކަމުގެ ޒިންމާ އުފުލުމަށް އުނދަގޫވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ މަގުފަހިކޮށްދީފައެވެ.

މި ބަދަލާއެކު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް އެ ފަރާތުގެ ބަދަލުގައި އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ބެލެނިވެރި ފަރާތުން ފޯމު ހުށަހަޅާނަމަ، އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އިޤުރާރުގައި ސޮއިކުރަންވާނީ ފޯމު ހުށަހަޅާ ބެލެނިވެރިޔާއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބެލެނިވެރިޔާ ފޯމު ހުށަހެޅި ކަމުގައިވީ ނަމަވެސް، ޝަރުތު ފުރިހަމަވޭތޯ ބެލުމުގައްޔާއި ޕޮއިންޓު ދިނުމުގައި ބަލާނީ ނުކުޅެދުންތެރިކަން ހުރި ފަރާތުގެ މަޢުލޫމާތާއި ލިޔެކިޔުންތަކަށެވެ.

މީގެ އިތުރުން، 18 އަހަރު ނުފުރޭ ނުކުޅެދުންތެރިކަން ހުރި ފަރާތަކާއި، އެ ފަރާތުގެ މައިންބަފައިންގެ ތެރެއިން ފަރާތަކުން މި އުސޫލުގެ ދަށުން ވަކިން އެޕްލިކޭޝަން ހުށަހަޅައި، ދެ ފަރާތްވެސް ޝަރުތު ފުރިހަމަވާ ހާލަތެއް މެދުވެރިވި ނަމަވެސް، ފްލެޓު ކަނޑައެޅޭނީ އެތަނުން ކޮންމެވެސް އެއް ފަރާތަކަށެވެ.

މި ބަދަލަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް