- Advertisement -spot_img

ސަރުކާރު މުއައްސަސާތަކުގެ ލިއޭޒަން އޮފިސަރުންގެ ފުރަތަމަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަހި މަސައްކަތުގެ މާޙައުލެއް ޤާއިމްކުރުމަށްޓަކައި ކުރެވެމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރު މުއައްސަސާތަކުގެ ލިއޭޒަން އޮފިސަރުންގެ ފުރަތަމަ ބެޗުގެ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

ލިއޭޒަން އޮފިސަރުންގެ ފުރަތަމަ ބެޗުގެ ތަމްރީން ޕްރޮގްރާމުގެ ތެރެއިން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުކުރެވިގެންދާ ލިއޭޒަން އޮފިސަރުން ވެގެންދާނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ އަދި އެ އިދާރާއެއްގައި ވަޒީފާ އަދާ ކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގައި އެ އިދާރާއާއި ކަމާގުޅުންހުރި ފަރާތްތަކާއެކު ކަންކަން ވިލަރެސްކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ އޮފިސަރުންނަށެވެ. އަދި އެވުޒާރާއާ ދެމެދުގައި ވިލަރެސްކުރަންޖެހޭ ކަންކަމުގައި ފޯކަލް ޕޮއިންޓެއްގެ ދައުރު ވެސް އޮފިސަރުން އަދާކުރާނެއެވެ.

ލިއޭޒަން އޮފިސަރުންގެ ފުރަތަމަ ބެޗުގެ ތަމްރީން ޕްރޮގްރާމުގެ ތެރެއިން | ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލުގައި ބޭނުންވާ އެހީތެރިކަން ދެނެގަނެ، ކަމާ ގުޅުންހުރި ފަރާތްތަކާއެކު މިކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް މި އޮފިސަރުން ކުރާނެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލުމާތު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީއާ ހިއްސާކޮށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި އޮފިސަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ގުޅުންހުރި ލިޔުންތައް