އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މެޕްސް ކޮލެޖުގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރެއަކީ މެޕްސް ކޮލެޖުގެ ޢިލްމީ ތާރީޚްގައި ވަރަށް ޚާއްޞަ ރެއެއްކަމުގައި ފާހަގަކުރަމުން ވަޒީރު ވިދާޅުވީ ދަސްވެނީން ހޯދި ކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި، ބޮޑެތި ޤުރުބާނީތަކެއް، އަދި މުދައްރިސުން ކުރެއްވި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އުނގެނުމަކީ ބުރަ މަސައްކަތެއްކަމަށާއި، ކިޔަވަން އުޅޭ ދުވަސްވަރު ވަރަށް ބޮޑު ލޮޑު ކަމެއް، ވަރުބަލި ކަމެއް އަމިއްލަ ހަށިގަނޑަށް އަދި ސިކުންޑިއަށްވެސް ލިބިގެންދާކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނެ ފަރާތަކީ ދަސްވެނީން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ހަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުން ކަމަށެވެ.
އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. މިހިސާބުން މަސައްކަތް ހުއްޓަވާ ނުލައްވާ އުނގެނުމުގައި އަބަދުވެސް ދެމިތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށް މިނިސްޓަރ ދަސްވެނިންނަށް އިލްތިމާސް ކުރެއްވިއެވެ.
ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ހޯދައިގެން ލިބޭ ދާއިރާތަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ވަޒީފާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ތިމާ އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ އެފަދަ ވަޒީފާއެއް އުފެއްދުމުގެ ޤަބިލްކަން ތިމާގެ ކިބައިގައި ހުރިތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެއް ކަމުގައެވެ.



