އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޖުލައި 13 އިން ފެށިގެން 4 ފުރޮޅުލީ އުޅަނދު ރާއްޖެ އެތެރެކުރުމަށް ހުއްދަ ނަގަން ޖެހޭނެ

ދިވެހިރާއްޖެއަށް 4 ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގައި އާ އުސޫލެއް ގެނެސްފިއެވެ.

މީގެ ދަށުން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އިންޖީނުލީ އެއްގަމު އުޅަނދެއް ދިވެހިރާއްޖެއަށް އެތެރެކުރެވޭނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ހުއްދަ ހޯދުމަށް ފަހުގައެވެ.

މި ބަދަލު ގެނެސްފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާޙުގެ ދަށުންނެވެ. މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ގަވާއިދެއްގެ ދަށުން ހިންގުމެވެ.

މިފަދަ އުޅަނދުތައް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނެ ގޮތްތައް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފަ އެވެ. ހުއްދައަށް އެދި ހުށަހަޅާނީ މިނިސްޓްރީގެ ޕޯޓަލް eportal.mta.gov.mv މެދުވެރިކޮށެވެ. މީގެ އިތުރުން، މި ޚިދުމަތަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށް ވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

މި އާ ގަވާއިދުގެ ދަށުން، 2025 ޖުލައި 13 ވަނަ ދުވަހުގެ ފަހުން ދިވެހިރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެ އެވެ. ވީމާ، އާއްމު ރައްޔިތުންނާއި، އުޅަނދު އެތެރެކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް މިހާރުން ފެށިގެން ތައްޔާރުވުމަށް އެވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް