ދިވެހިރާއްޖޭގެ ގައުމީ އެއަރލައިން، މޯލްޑިވިއަނުން ޗައިނާގެ ޝެންޒެން ސިޓީއަށް ސީދާ ދަތުރުތައް މިރެއިން ފެށިގެން ފަށާނެ ކަމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.
މިއީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ނެޓްވޯރކް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން އަޅާ އިތުރު ފިޔަވަޅެކެވެ.
ޝެންޒެންއަށް ކުރާ މި ދަތުރުތަކަކީ ސީޒަނަލް ދަތުރުތަކެއް ކަމަށާއި، މި އަހަރުގެ އޮގަސްޓް 21 ވަނަ ދުވަހާ ހަމައަށް ހަފްތާއަކު އެއް ދަތުރު ކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މިއާއެކު މޯލްޑިވިއަނުން ޗައިނާގެ ސިޓީތަކަށް ކުރާ ދަތުރުތަކުގެ އަދަދު ހަތަރަށް އިތުރުވެގެން ދާނެއެވެ.
މީގެ ކުރިން މި އަހަރުގެ ޖަނަވަރީ މަހު މޯލްޑިވިއަނުން ވަނީ ޗެންޑޫ، ބެއިޖިން އަދި ޝެންހާއީއަށް ދަތުރުތައް ފަށާފައެވެ. މި ދަތުރުތައް ފެށުމަށް ވެފައިވަނީ އެ ކުންފުނީގެ ފްލީޓަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ އެއަރކްރާފްޓް ބޭނުންކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ގޮތުގައި ހިމެނުނު ވައިޑް-ބޮޑީ އެއަރކްރާފްޓް މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރުމުން، ދުރު ދަތުރުތައް ކުރުމުގެ ފުރުޞަތު ފުޅާވެ، އިތުރު ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރު ކުރެވޭނެ މަގު ފަހިވެފައިވެއެވެ. މި އަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ އެއަރކްރާފްޓެއް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
ޗައިނާގެ މާކެޓް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވިއަނުން ދާދިފަހުން ވަނީ ޗައިނާގެ މަޝްހޫރު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޓްރެވަލް ސްކައި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމާ ރަސްމީކޮށް ގުޅިފައެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން ޗައިނާގެ ޓްރެވަލް އެޖެންޓުންނަށާއި ބައިނަލްއަޤްވާމީ ޕާޓްނަރުންނަށް މޯލްޑިވިއަންގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބި، ޓިކެޓް ގަތުމުގެ ފަސޭހަކަން އިތުރުވާނެއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާއަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ޤައުމެވެ. މި އަހަރުގެ ޖުލައި 5 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 148،951 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މޯލްޑިވިއަންގެ މި އައު ދަތުރުތަކުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމުގެ އިތުރު ފަސޭހަތަކެއް ލިބި، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރެވެއެވެ.



