އަންގާރަ, ސެޕްޓެމްބަރ 23, 2025
spot_img
- Advertisement -spot_img

ޝައްކާއި ވަހުމު އެކުލެވިގެންވާ މާލީ މުޢާމަލާތުތައް ދޫކޮށް ހަލާލުގޮތުގައި އާމްދަނީ ހޯދަންޖެހޭ: ހުކުރު ޚުޠުބާ

އިސްލާމް ދީނުގައި އަޅުކަންތަކަށް އިސްކަންދީފައިވާ ފަދައިން މުޢާމަލާތުގެ ބަޔަށްވެސް އިސްކަންދީފައިވާ ކަމަށާއި، އެހެންކަމުން އިންސާނާގެ ޙަޔާތުގައި ދޭދޭ ފަރުދުންގެ މެދުގައި ކުރެވޭ ތަފާތު މުޢާމަލާތުތަކާ މެދު ފަރުވާތެރިވާން ޖެހޭކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާ ފައްޓަވާފައިވަނީ، ﷲ ތަޢާލާ ހެއްދެވި މަޚްލޫޤުންގެ ތެރެއިން އެންމެ މާތް ކުރައްވާފައި ވަނީ އިންސާނާ ކަމަށާއި، އެއީ އޭނާއަށް ހެވާއި ނުބައި ވަކިކޮށް ދެނެގަނެވޭނެ ބުއްދި ދެއްވާފައިވާތީ ކަމަށް ބުނެއެވެ.

ޚުޠުބާގައި ބުނެފައިވަނީ، އިސްލާމް ދީނުގައި އަޅުކަމަށް އިސްކަންދީފައިވާ ފަދައިން މުޢާމަލާތުގެ ބަޔަށްވެސް އިސްކަންދީފައިވާތީ، ކުރެވޭ މުޢާމަލާތްތަކާމެދު ވިސްނާލަންޖެހޭ ކަމަށާއި، އެގޮތުން މާލީ މުޢާމަލާތްތަކަކީ އެކަމާމެދު އިންތިހާއަށް ވިސްނާ، ފަރުވާތެރިވާންޖެހޭ ކަމެއް ކަމަށެވެ. ބަވަނަ ވެފައިވާ ދުނިޔެއެއްގައި މުޅި އިޤްތިޞާދު، ހުޅަނގުގެ ފަލްސަފާއަށް ބިނާކުރެވިފައި އޮތްއިރު، މާލީ މުޢާމަލާތްތަކުގެ ތެރެއިން އިސްލާމް ދީން ޙަރާމްކުރައްވާފައިވާ ކަންކަމުން ސަލާމަތްވާން ޖެހޭނެކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

ރިބަވީ މުޢާމަލާތުތަކުން އެއްކިބާވެތިބެ، ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް ނުހިންގޭނެކަމަށް ބުނަމުންއައި ޒަމާން މާޒީވެ ހިނގައްޖެ ކަމާއި، އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި ތަކާފުލް ކުންފުނިތައް މުޅި ދުނިޔެއަށް މިހާރު ފެތުރިފައިވާކަމަށާއި އެހެންކަމުން އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް މާލީ މުޢާމަލާތްތައް ނުކުރެވޭނެ ކަމަށް ނިންމުމުގެ ޖާގައެއް ނެތްކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އެހެންކަމުން އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ފައިސާގެ މުޢާމަލާތުތައް ކުރުމަކީ ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރު ކުރައްވާނެ ގޮތްކަން ދަތުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.

ބަޤާރާ ސޫރަތުގެ 275 ވަނަ އާޔަތަށް ޙަވާލާދީ، ރިބާގެ ހުރިހާ މުޢާމަލާތުތަކަކީ އިސްލާމް ދީން ޙަރާމްކޮށްފައިވާ މުޢާމަލާތުތަކެއް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި، ރިބާއަކީ ހަލާކުކުރަނިވި ހަތް ފާފައިގެ ތެރޭގައި މާތް ނަބިއްޔާ صلى الله عليه وسلم ހިމަނުއްވާފައިވާ ކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ. އެއީ ﷲ ތަޢާލާއަށް ޝަރީކުކުރުން، ސިޙުރުހެދުން، ﷲ ތަޢާލާ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް އެއްވެސް ޙައްޤަކާނުލާ މަރާލުން، ރިބާކެއުން، ޔަތީމުންގެ މުދާކެއުން، ހަނގުރާމައިގެ މައިދާނުން ފިލަންދުވުން، އަދި ފާފައެއް ކުރުމުގެ ވިސްނުންވެސް ނުގެންގުޅޭ ޢިއްފަތްތެރި އަންހެނެއްގެ ބޮލުގައި ޒިނޭކުރިކަމުގެ ތުހުމަތު އެޅުވުން ކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ.

ރިބާގެ ސަބަބުން ފާފަވެރިވާނީ ރިބާ ކާމީހާ އެކަނި ނޫންކަމަށާއި، އެކަމުގަ ހިމެނޭ އެންމެންވެސް ފާފަވެރި ވާނެ ކަމަށް، ރަސޫލާ صلى الله عليه وسلم  ގެ ޙަދީޘް ބަސްފުޅެއްގެ އަލީގައި ޚުޠުބާގައި ބުނެފައި ވެއެވެ. ރިބާގެ ސަބަބުން ފާފަވެރިވާނެ ކަމަށް ޙަދީޘްފުޅުގައި އައިސްފައިވާ މީހުންނަކީ ރިބާ ކާމީހާ، ރިބާގެ ގޮތުގައި ފައިސާ އާއި މުދާ ދޫކުރާ މީހާ، އެ މުޢާމަލާތަށް ހެކިވާ މީހާ، އެ މުޢާމަލާތުގެ ލިޔެކިޔުންތައް ލިޔެ، ބަލަހައްޓާ މީހާވެސް ހިމެނޭ ގޮތަށެވެ.

ރިބާ އަކީ، މުދަލުގެ ބަރަކާތް ކަނޑުވާލުމުގެ އިތުރުން ދިރިއުޅުން ނުތަނަވަސް ކުރުވާ، ލިބޭ މިންވަރާމެދު ހިތްހަމަ ނުޖެހުން އުފައްދާ، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން އިންތިހާއަށް އިތުރުކުރުވާ ވަބާއެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި، މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް އުޚްރަވީ ޙަޔާތުގައިވެސް އެކަމުގެ ސަބަބުން ވޭންހުރި ޢަޛާބު އެކަމުގައި އުޅޭ މީހުންނަށް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް، ބަޤަރާ ސޫރަތުގެ 275 ވަނަ އާޔަތުގެ އަލީގައި ޚުޠުބާގައި ބުނެފައި ވެއެވެ.

(رِبا ކާމީހުން، ޖިންނި މޮޔަވެގެން، شيطان އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، رِبا ކަހަލަކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، رِبا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރަސްކަލާނގެ حضرة ން ދެއްވާ وعظ އާއި نصيحة، އެމީހަކާ ހަމަޔަށް އައުމުން އެކަން (އެބަހީ: رِبا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުއްޓެވެ. (އެބަހީ: رِبا ގެ حكم ތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، اللَّه އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.)

މީގެ އިތުރަށް، ރިބާއަކީ ﷲ ތަޢާލާ އާއި އެކަލާނގެ ނަބިއްޔާގެ ފަރާތުން ކީރިތި ޤުރްއާނުގައި އެ ފާފައަކަށް އަރައިގަންނަ މީހުންގެ މައްޗަށް ހަނގުރާމަ އިޢުލާނުކުރައްވާފައިވާ ފާފައެއް ކަމަށްވެސް، ބަޤަރާ ސޫރަތުގެ 278 ވަނަ އާޔަތާއި 279 ވަނަ އާޔަތަށް ހަވާލާދީ، ޚުޠުބާގައި ބުނެފައި ވެއެވެ.

ފުރަތަމަ ޚުޠުބާ ނިންމާލާފައި ވަނީ، ކާން ޙަލާލު ތަކެތި ހޯދާ ފަދައިން އެ ތަކެތި ގަންނަ ފައިސާ އަކީ ވެސް ޙަލާލު އެއްޗަކަށް ހެދުމަށާއި، ތިމާ އާއި ތިމާގެ އަނބިދަރިންގެ ކެއުމާއި، އަންނައުނާއި ބޯހިޔާވަހިކަމަކީ ރިބާގެ މުޢާމަލާތުތަކުން ހޯދާ ފައިސާއިން ފޯރުކޮށްދޭ ތަކެއްޗަށް ނުހެދުމަށާއި، ޙަލާލު ގޮތުގައި ހޯދާ ފައިސާ ރައްކާކުރެވެނީ ވެސް ޙަލާލު ގޮތުގައިކަން ކަށަވަރު ކުރުމަށް ވަޞިއްޔަތް ކުރަމުންނެވެ.

ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، މުޅި ދުނިޔެއަށް މިހާތަނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގިނަ ކާރިސާތަކުގެ އަޞްލަކަށް ވެފައި އޮތީ ރިބާގެ ނުރައްކާތެރި ވަބާ ކަމަށެވެ. އަދި، ރިބާގެ ސަބަބުން އިޤްތިޞާދީ ނަފާވެރިކަން ވަކިބައެއްގެ އަތްމައްޗަށް ގޮސް، މުޖުތަމަޢުގައި އޮންނަންޖެހޭ އިޤްތިޞާދީ ޢަދުލުވެރިކަން ނެތިކޮށްލާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.

އަހަރުމެންގެ ކޮންމެ ޢަމަލަކީވެސް ﷲ ތަޢާލާ ބައްލަވާވޮޑިގެންވާ ޢަމަލެއްކަމަށް ބުނެ، ދުނިޔޭ އާއި އާޚިރަތުގެ ކާމިޔާބަށް އެދި އަހަރުމެން ދެއަތް އުފުލާ ކުރާ ދުޢާ، ﷲ ގެ ޙަޞްރަތަށް އުފުއްލެވުމަށް އެދޭ ހިނދު، ރިބާ ފަދަ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ އެންމެހައި ޢަމަލުތަކުން ދުރުހެލިވުމަށް ވަޞިއްޔަތްކޮށް، މާތް ﷲ ރުއްސަވާ ފަދައިން އަޅުކަން ކުރުމަށް އިސްކަންދޭ ފަދައިން މާލީ މުޢާމަލާތްތައްވެސް އެކަލާނގެ ރުއްސެވުން ލިބޭނެ ފަދައިން ބައްޓަންކުރަން މަސައްކަތް ކުރުމަށް ޚުޠުބާގައި ގޮވާލާފައި ވެއެވެ.

ޚުޠުބާ ނިންމާލާފައިވަނީ، ރިބާގެ ނުރައްކާތެރި ވަބާއިން މުޅި އިޤްތިޞާދީ ނިޒާމު ސަލާމަތްކުރުމަކީ މުޅި މުޖުތަމަޢުގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް ކަމަށާއި ޝައްކާއި ވަހުމު އެކުލެވިގެންވާ މުޢާމަލާތުތައް ދޫކޮށް، ޝައްކެއް ނެތި ހުއްދަ މުޢާމަލާތުތަކަށް ރުޖޫޢަވާންޖެހޭ ކަމަށް ބުނެއެވެ. އަދި އެއްވެސް ބާވަތެއްގެ އަނިޔާވެރި ކަމަކަށް ނުވަތަ ޙަރާމް ކަމަކަށް އެހީތެރި ވުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކަމަށާއި، އެއްވެސް ފާފައަކަށް އަރައިގަތުމުގައި އެހީތެރިވާ މީހާއަކީ އެ ފާފައެއް ކުރާ މީހަކާއި އެއްފަދަ މީހެއް ކަމަށް އިސްލާމް ދީން ދެކޭ ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް