ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރި 420 އުޅަނދު ޓޯކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް އެ ދެ މަގުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މިދިޔަ މަހު ވަނީ ފަށާފަ އެވެ. ބޮޑުތަކުރުފާނު މަގުގައި ޕާކުކުުރުން މަނާ ކޮށްފައި ވަނީ ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅި އާ ހަމައަށެވެ.
އުޅަނދުތައް ޓޯކުރުމުގެ މަސައްކަތަކީ މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމުގައި ފުލުހުން ބުނެ އެވެ.
ފުލުހުން މިއަދު ވަނީ ގަވާއިދާ ހިލާފަށް އެ ދެ މަގުގައި ޕާކުކޮށްގެން ޓޯކުރި އުޅަނދުތަކުގެ އަދަދު އާންމުކޮށްފަ އެވެ.

ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފެށިކަން އިއުލާނުކޮށް ފުލުހުން ބުނެފައި ވަނީ ޓޯކުރާ އުޅަނދުތައް ދޫކުރާނީ ދެ ދުވަސް ފަހުން ކަމަށެވެ. އަދި އެގޮތަށް ޕާކުކުރާ އުޅަނދު ދުއްވި ފަރާތާ މެދު ފިޔަވަޅު އަޅާނެކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ފުލުހުން ވަނީ އުޅަނދުތައް ޕާކުކުރުމަށް ޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކުކުރުމަށް ސަމާލުކަން ދިނުމަށް އެދިފަ އެވެ.



