ހުކުރު, އޮކްޓޯބަރ 10, 2025
spot_img
- Advertisement -spot_img

އެމްޑީޕީގެ ސަރުކާރުން ޔޫމެޓަށް ބަދަލުގެ ގޮތުގައި ދޭން ނުޖެހޭ 23.2 މިލިއަން ރުފިޔާ ދިން: އޮޑިޓް އޮފީސް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ޔޫމެޓް ކޮންސްޓްރަކްޝަނަށް ބަދަލުގެ ގޮތުގައި ދިނީ، އެ ކުންފުންޏަށް ދޭންޖެހޭ އަދަދަށް ވުރެ 23 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން އާންމުކުރި އެކަމާ ގުޅޭ ރިފޯޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އާންމުކުރި އެ ރިޕޯޓުގައިވާ ގޮތުން ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް މާޗު 18، 2013 ގައި އެމްޓީސީސީއާ ހަވާލުކުރުމުން، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ޔޫމެޓް ކޮންސްޓްރަކްޝަނުން ހުށަހެޅުމުން އިކޮނޮމިކް ކައުންސިލުން ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ ސަރުކާރަށް ގެއްލުވާ ގޮތަށެވެ.

ކުރީގެ ސަރުކާރުގެ އެ ނިންމުން ނިންމި އިކޮނޮމިކް ކައުންސިލްގައި އޭރުގެ ރައީސް އޮފީސް މިނިސްޓަރު އަލީ ޝިޔާމާއި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޮޑިޓްގައިވާ ގޮތުން ޔޫމެޓަށް އެންމެ ގިނަވެގެން ވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭން ޖެހޭނީ 2.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ކުންފުންޏަށް އޭފްރީލް 30، 2023 ގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދޭން އިކޮނޮމިކް ކައުންސިލުން ނިންމާފައިވެ އެވެ.

އޮޑިޓް އޮފީހުންބުނީ، ޔޫމެޓް ކޮންސްޓްރަކްޝަނަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީފައިވާ އަދަދުގެ ތެރޭގައި ޝަރުއީ ކޯޓުތަކުން ވެސް ނަގައިނުދެވޭނެ ކަމަށް ކަނޑައަޅާފައިވާ އަދަދު ހިމަނާފައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. މީގެ އިތުރުން ޔޫމެޓަށް ބަދަލުގެ ގޮތުގައި ދީފައިވަނީ ނުކުރާ މަސައްކަތްތަކެއް ވެސް ހިމަނައިގެން، އެ މަސައްކަތްތަކުގެ އަގު ވެސް ހިމަނައިގެންނެވެ. އަދި އައިޑަލް ކޮސްޓް ހިސާބު ކުރުމުގައި މަސައްކަތް ހިނގަމުން ދިޔަ ދުވަސްތައް ވެސް ހިމަނާފައިވާ ކަމަށް ބުނެފައިވެ އެވެ.

އޮޑިޓް އޮފީހުން ބުނިގޮތުގައި، އިތުރަށް ދީފައިވާ އަދަދު އަނބުރާ ހޯދައި ދައުލަތުގެ ފައިސާ ނާޖައިޒް ގޮތުގައި ނެގުމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް