ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރިސާޗް ގްރާންޓްގެ ގޮތުގައި، އައިޔޫއެމްއިން 5 ފަރާތަކަށް 350،000 ރުފިޔާ ދީފި

ދިވެހިރާއްޖޭގެ ރިސާޗްގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައި ދޫކުރާ ރިސާޗް ގްރާންޓްގެ ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ޖުމްލަ 350,000 ރުފިޔާ ފަސް ފަރާތަކަށް ދީފިއެވެ.

މި ގްރާންޓް ދީފައިވަނީ ރިސާޗްގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ މަގްސަދުގައެވެ. އައިޔޫއެމްއިން ރިސާޗް ގްރާންޓް ދެމުން އަންނަނީ މައިގަނޑު ތިން ދާއިރާއަކުންނެވެ. އެއީ ރިސާޗް ޕްރޮމޯޝަން ސްކީމާއި، ޕޯސްޓް ގުރެޖުއޭޓް ރިސާޗް ސްކީމުގެ އިތުރުން އިނޮވޭޝަންސް ސްކީމެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިއުލާން ކުރި އައިޔޫއެމްގެ ރިސާޗް ގްރާންޓަށް ޖުމްލަ 13 ޕްރޮޕޯސަލް ހުށައަޅާފައިވާއިރު، މިފަހަރު ގްރާންޓް ދީފައިވަނީ ރިސާޗް ޕްރޮމޯޝަންސް ސްކީމާއި އިނޮވޭޝަންސް ސްކީމުގެ ދަށުންނެވެ. އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަންސް، ޑރ. ވިޝާލް މޫސާ ވިދާޅުވީ، ޕޯސްޓް ގުރެޖުއޭޓް ރިސާޗް ސްކީމުގެ ދަށުން ގްރާންޓް ދެވޭ ވަރަށް ޕްރޮޕޮސަލް ހުށައަޅާފައިނުވާ ކަމަށެވެ.

މިފަހަރު ރިސާޗް ގްރާންޓް ލިބުނު ފަސް ފަރާތަކީ:

އައިޝަތު ޝިފާ (އިނޮވޭޝަން ގްރާންޓް)

ޑރ. މަރިޔަމް ޝަރީފާ (ރިސާޗް ގްރާންޓް)

ޑރ. ފާތިމަތު މުނާ (ރިސާޗް ގްރާންޓް)

އަލްއުސްތާޛު މުޙައްމަދު އިމްރާން (ރިސާޗް ގްރާންޓް)

ޑރ. ސުނީނާ ރަޝީދު (ރިސާޗް ގްރާންޓް) އެވެ.

ޑރ. ވިޝާލް އިތުރަށް ވިދާޅުވީ، މި ފަސް ފަރާތުން ހުށައެޅި ރިސާޗް ޕްރޮޕޯސަލްތަކުގައި 13 ފަރާތަކުން މަސައްކަތް ކުރައްވާއިރު، އޭގެ ތެރޭގައި އެ ޔުނިވަރސިޓީން ބޭރުގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ރިސާޗްގެ ދާއިރާ އެ ޔުނިވަރސިޓީން ފުޅާކޮށްފައިވާއިރު، މިދިޔަ އަހަރާއި މި އަހަރު އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ރިސާޗް މަސައްކަތްތަކުގެ އަގު 13 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ޑރ. ވިޝާލް ވިދާޅުވިއެވެ. މި އަހަރު ވެސް އިތުރު ޕްރޮޕޯސަލްތައް ހުށައަޅާފައިވާ ކަމަށާއި، ގިނަ ޕްރޮޖެކްޓްތަކަށް ގްރާންޓް ލިބޭނެކަމުގެ އުންމީދު ބޮޑު ކަމަށް ވެސް ޑރ. ވިޝާލް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް