ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކައުންޓްޑައުނެއް ފަށައިފިއެވެ.
މި އާ ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ރޭ ދަންވަރު 12:00 ގައި ރަސްމީކޮށް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. މިރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފް އާއި ކުންފުނީގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްއޭސީއެލް އިން މިހާރު ދަނީ އެއާޕޯޓު ހުޅުވުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިގޮތުން ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކަމުގައިވާ އަންނަ މަހުގެ 26 ގައި ހުޅުވަން ތައްޔާރުވަމުން އަންނަ މި މަޝްރޫއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރޫއެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދަށްވާ އިރު، އެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. އަދި އޭގެ ފަހުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ މަޝްރޫއުގެ މަސައްކަތެއް މާ ބޮޑަކަށް ނުހިނގައެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ނިމިފައިވަނީ އެ މަޝްރޫއުގެ %54 މަސައްކަތެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މި ޓާމިނަލަކީ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރުއުތަކުގައި ހިމެނޭ އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫއެވެ. ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއިއެކު މި ޓާމިނަލް ހުޅުވިގެންދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިގްތިސާދަށް ޚާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެކެވެ.
އާ ޓާމިނަލް ހުޅުވުމަށްވާންޖެހޭ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، މިއީ މިހާރު ބޭނުންކުރާ ޓާމިނަލަށްވުރެ އެތައް ގުނައެއް ބޮޑު، އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުވެރިންނަށް ޚިދުމަތް ދެވޭނެ ތަނަވަސް ޓާމިނަލެކެވެ. އެއިރޯ ބްރިޖްއާއި، ސެލްފް ޗެކިން ސިސްޓަމްއާއި، އޮޓޯމެޓިކް ބެގޭޖް ހެންޑަލިންގް ސިސްޓަމްގެ އިތުރުން އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްތަކުގެ ޚިދުމަތް ޓާމިނަލުން ލިބިގެންދާނެއެވެ.

އާ ޓާމިނަލްގެ ބައެއް ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ އިރުޝާދު ދެއްވި ނަމަވެސް ރާއްޖެއަށް އަންނަ ހުރިހާ އެއާލައިންތަކުގެ ރިޕްރެޒެންޓް ކުރާ އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ) ގެ ލަފައަށް އެކަން މަޑު ޖައްސާލިއެވެ. އޭއޯސީން އެދުނީ ވިންޓާއެއްގެ ސުޕާ ޕީކްގައި ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ ކަމަށްޓަކައި އެ ދުވަސް އާ ޓާމިނަލް ނުހުޅުވައި ލޯ ސީޒަންގައި ހުޅުވޭނެ ގޮތެއް ހަމަޖެއްސުމަށެވެ
އާ ޓާމިނަލްއާ އެކު، އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭއިރު، އެ ޓާމިނަލްގައި ހަ އެއިރޯ ބްރިޖު ބަހައްޓާނެއެވެ. އެވްރެޖުކޮށް ދުވާލަކު 8،000 ފަސެންޖަރުންނަށް ހިދުމަތް ދެވޭ ޓާމިނަލްގައި 47 ޗެކްއިން ކައުންޓަރު ހަ ސެލްފް ސާވިސް ކިއޮސްކް ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމް އަދި އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެއް ހުންނާނެއެވެ. އާ ޓާމިނަލްގައި 78،000 އަކަމީޓަރުގެ ޖާގަ ހުންނާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ކެއުން ބުއިމަށް ހާއްސަ ރެސްޓޯރަންޓް/ކެފޭތައް ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.
އާ ޓާމިނަލްގެ މަސައްކަތް ނިންމަން ދާދި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހޯދައިފައެވެ.