ސްރީލަންކާގެ ޓިވެކްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާތީ އެ މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވާން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭ އިން އިލްތިމާސްކޮށްފިއެވެ.
ސަސްޕެންޑް ކޮށްފައިވާ ތަޢުލީމުދޭ މަރުކަޒުތަކުގެތެރޭގައި ”މެޓްރޯޕޮލިޓަން ކޮލެޖް“ އާއި ”އީސޮފްޓް“ ގެ ހުރިހާ ކެމްޕަސްތައް ހިމެނޭކަން އެމްކިއުއޭއިން ފާހަގަކުރެއެވެ.
ސްރީލަންކާގެ ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭ އަށް މަޢުލޫމާތު ލިބިފައިވާތީ، އެ މަރުކަޒުތަކުގައި މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުން ވީ އެންމެ އަވަހަކަށް އެމްކިއުއޭއަށް އީމެއިލް (recognition@mqa.gov.mv) މެދުވެރިކޮށް އެކަން އެންގުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އަދި އެ މަރުކަޒުތަކުގެ ޕްރޮގްރާމްތަކުގައި މަތީ ތަޢުލީމު ޙާސިލްނުކުރުމަށްވެސް އެ އޮތޯރިޓީންވަނީ އިލްތިމާސްކޮށްފައެވެ.